ވިހެއުމަށް ފަހު ފޫޅު ވެސް ނުކަނޑައި މިއަދު މެންދުރު ހުޅުމާލޭ ގޮނޑު ދޮށަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަ އަންހެން ކުއްޖާއަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ނާސަރީގައި ފަރުވާ ދޭން ފަށައިފި އެވެ.


ހުޅުމާލޭ ހޮސްޕިޓަލުގައި އެ ކުއްޖާ އަށް ފަރުވާ ދިނުމަށްފަހު އެ ކުއްޖާ މާލެ ގެނެސް ފަރުވާ ދޭން ފަށާފައި ވަނީ މިއަދު މެންދުރު ފަހު އެވެ.


ހުޅުމާލޭން އައިޖީއެމްއެޗަށް އެ ކުއްޖާ ގެނެސް ފުރަތަމަ ފަރުވާ ދީފައިވަނީ އިމަޖަންސީ ރޫމް ގައެވެ. ނަމަވެސް ފަހުން އެކުޑަ އަންހެންކުއްޖާ ވަނީ ކުޑަކުދިންގެ ނާސަރީ އަށް ބަދަލުކޮށްފަ އެވެ.


ހުޅުމާލޭން އައިޖީއެމްއެޗަށް ފުލުހުން އެ ކުއްޖާ ގެނައި ވަގުތު ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުއްޖާ ބެލުމަށް އެއްވެފަ އެވެ. އަދި ކުއްޖާ އިމަޖެންސީ ރޫމުން ކުޑަކުދިންގެ ނާސަރީ އަށް ބަދަލުކުރީ އިންކިއުބޭޓަރަށްލައި ނުފެންނާނެހެން މަތީގައި ފޮތިގަނޑު އަޅައިގެންނެވެ.


މިއަދު މެންދުރު 12:15 ހާއިރު ތުއްތު ކުއްޖާ އާންމުންގެ ބައަކަށް ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާއާ ދިމާ ގޮނޑުދޮށުންނެވެ. އޭރު އެކުއްޖާ އެކު ވިހާ މަސް ވެސް އޮތެވެ.


އެ ކުއްޖާއާ ބެހޭ ގޮތުން ފުލުހުންގެ ފޮރިންސިކް ޓީމުން ހުޅުމާލޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލިހުންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.