14:30


މުޖްތަމަޢުގައި ކުށް ގިނަވަމުންދަނީ ކީއްވެގެންކަމާއި، ކުށްކުރާ މީހުންނަށް ތަކުރާރުކޮށް ކުށްކުރަމުން ގެންދިއުމުގެ ފުރުސަތު ލިބެނީ ކީއްވެގެން ކަން ގައުމީ ފެންވަރުގައި ހޯދައި ބަލާ، ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ބައެއް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.


މަދަނީ ހަތް ޖަމިއްޔާއެއް އެކުވެގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ތޫނު ހަތިޔާރުގެ ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ އަނިޔާ ކުރުމާއި، މީހުން މެރުންފަދަ ބޮޑެތި ކުށްތައް މުޖްތަމައުގައި މިހާރު މިވަނީ އާއްމުވެފައި ކަމަށެވެ. މީގެ އިތުރުން ނޫސްވެރިންނަށާއި ޚަބަރު ފަތުރާ ފަރާތްތަކަށް ބިރުދެއްކުން އާއްމުވަމުންދާ ކަން ފަހަގަ ކުރެވޭ ކަމަށް ވެސް އެނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފަދަ ބޮޑެތި ކުށްތަކަށް އެކަށީގެންވާ އަދަބު ނުދެވި ދާކަން ހަރުކަށި އިބާރާތުން މަދަނީ ހަތް ޖަމިއްޔާއެއް އެކުވެގެން ނެރެފައިވާ އެ ނޫސްބަޔާނުގައި ވަނީ ކުށްވެރިކޮށްފަ އެވެ.


ކުށްވެރިންނަށް އަދަބު ދިނުމުގައި ޒިންމާވާންޖެހޭ ދައުލަތާއި ދަޢުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަންވާ މިންވަރަށް ބަދަހި ގުޅުމެއް ނެތުމާއި، އެ މުއައްސަސާތަކުގެ މެދުގައި އެކަށީގެންވާ މިންވަރަށް މުއާސަލަތު ނުކުރެވޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ. އަދި މިއީ ޑިމޮކްރެޓިކް ރާއްޖެއެއްގައި ގާއިމްކުރެވިފައިވާ މިނިވަން މުއައްސަސާތަކައި ސަރުކާރުގެ ތަފާތު އޮފީސްތަކާއި މެދުގައި ރައްޔިތުން ކުރާ އިތުބާރު ގެއްލެން މެދުވެރިވާ ސަބަބެއް ކަމަށް ވެސް އެނޫސް ބަޔާނުގައިވެ އެވެ.


މުޖްތަމަޢުގައި ކުށްކުރުން މަދުކުރުމުގެ ޒިންމާ ކޮންމެ ފަރުދަކުވެސް އުފުލައި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އެމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކުން ނެރެފައިވާ އެނޫސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.