އެމްޑީޕީގެ ފަރާތުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެ ފަރީދީމަގު އެފްޑީއައި ސްޓޭޝަން ސަރަހައްދުން ހައްޔަރުކުރި ކުރީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ މުހައްމަދުގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން މިރޭ ބުނީ ޝިފާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.

އެމްޑީޕީން މިހާރު ކުރަމުންދާ މުޒާހަރާގައި ހައްޔަރުކޮށްފައި ވަނީ ޖުމްލަ 49 މީހުން ކަމަށާއި ނަމަވެސް ހައްޔަރުގެ މުއްދަތު ކޯޓުން އިތުރުކޮށްދީގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 20 މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ގުޅުމުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދަނިކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އިލެކްޝަން ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރަން އުޅުމުން ސުޕްރީމް ކޯޓުން ދެ އަމުރެއް ނެރެ އިންތިހާބު ލަސްކުރުމާ ގުޅިގެން އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވެސް ހައްޔަރުކޮށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.