02 Oct 2013, 22:46
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ގެކޮޅާ އިންވެގެން ހުރި ވޯކްޝޮޕެއްގެ ފުރާޅުމަތީގައި އޮތް ޓަޔަރެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
މިރޭ 10:45 އެހާކަންހާ އިރު، އެ ހާދިސާ ހިނގުމާ އެކު، ވޯކްޝޮޕްގެ ފުރާޅުމަތީގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ކުރިން ވަނީ ނިއްވާލައިފަ އެވެ. ވޯކްޝޮޕް ހިންގާ މއ. ލާމިގެއާގޭގެ ވެރިޔާ "ސަން"އަށް ކިޔައިދިން ގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގަން މެދުވެރިވީ ވޯކްޝޮޕާ އިންގެން ހުރި ފުއާދުގެ ގެކޮޅުގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުން އަޅިކެނޑިއެއް "ވައްޓާލުމުން" ކަމަށެވެ. އަދި "އެއީ މިއަދަކު އިއްޔެއަކު ހިނގާ ކަމެއް" ނޫން ކަމަށާއި އެކިރޭމަތިން އަޅިކެނޑި އެގޭގެ ފުރާޅުމައްޗަށް އަޅާފައިވާ ކަމަށް ލާމިގެއާގޭގެ ވެރިޔާ ބުންޏެވެ.
ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ފުއާދާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕެޓްރޯލާއި ޑީސަލާއި އެކި އުޅަނދުތަކުގެ ސާމާނު ގެންގުޅޭ ގަރާޖުގެ ފުރާޅުމަތީގައި އޮތް ޓަޔަރެއްގައި އަލިފާން ރޯވި މައްސަލާގައި ފުލުހުން ވެސް އެމްއެންޑީއެފުން ވެސް ވަކިއެއްޗެއް ނުބުންޏެވެ.