02 Oct 2013, 21:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިރޭ ބައްދަލުކުރައްވައިފި އެވެ.
ނަޝީދު ރައީސް ވަހީދާ ބައްދަލުކުރެއްވީ މުލީއާގޭގަ އެވެ.
ގާތްގަނޑަކަށް 20 މިނެޓަށް ދެމިގެން ދިޔަ އެ ބައްލުކުރެއްވުމަށް ފަހު މުލީއާގެ އިން ދެ ބޭފުޅުން ނުކުމެވަޑައިގަތް އިރު ގިނަ އަދަދެއްގެ މީޑިއާ މީހުން އެ ސަރަހައްދުގައި ތިއްބެވެ. ނަމަވެސް ތާރީހީ ރިޔާސީ ގަނޑުވަރު، މުލީއާގޭގެ ވަލު ދޮރޯށީން ދެ ބޭފުޅުން ވެސް ނުކުމެވަޑައިގެން ބެއްލެވީ ކެމެރާތަކަކުގެ ކުރިމަތީން އަވަހަށް ވަޑައިގެންނެވޭތޯ އެވެ.
މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 7 ފެބްރުއަރީ 2012ގައި އިސްތިއުފާ ދެއްވުމަށް ފަހު، އަދި ރައީސް ނަޝީދުގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިރޭގެ އެ ބައްދަލުކުރެއްވުމަށް ފަހު މުލިއާގޭގެ ވަލުދޮރޯށީން އެންމެ ފުރަތަމަ ނިކުމެވަޑައިގަތީ ނަޝީދެވެ. ނަޝީދު މުލީއާގޭ ވަލުދޮރޯށީން ނުކުމެވަޑައިގަތް ވަގުތު މީޑިއާ އިން ނަޝީދާ ސުވާލު ދެންނެވުމުން އެއްވެސް ޖަވާބެއް ނުދެއްވައި ކާރުގައި ވަޑައިގަތީ އެވެ. އަދި އޭގެ ދެތިން މިނިޓް ފަހުން ރައީސް ވަހީދު ވެސް މުލިއާގެ ވަލު ދޮރޯށީން ނިކުމެވަޑައިގެން ކާރުގައި ވަޑައިގަތީ މީޑީއާގެ ސުވާލުތަކަށް ޖަވާބު ނުދެއްވަ އެވެ.
ރައީސް ވަހީދާއި ކުރީގެ ރައީސް ނަޝީދު މިރޭ މުލިއާގޭގައި ބައްދަލު ކުރެވި ވަގުތު، މުލިއާގެ ބޭރުގައި ނަޝީދުގެ ސްޕޯކްސްޕާސަން އަދި މަންޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މާރިޔާ އަހުމަދާއި އެ ޕާޓީގެ ބައެއް މަޖިލީސް މެންބަރުން ތިއްބެވި އެވެ.
ރައީސް ނަޝީދު ރައީސް ވަހީދާ ބައްދަލުކުރެއްވީ ކޮންކަމަކާތޯ ސަން އިން ދެންނެވުމުން މާރިޔާ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ދެ ބޭފުޅުން ބައްދަލު ކުރެއްވީ ކޮން ބޭފުޅެއްގެ އެދިވަޑައިގަތުމަކަށްތޯ ދެންނެވުމުން މާރިޔާ ދީދީ ވިދާޅުވީ "ތިޔައީ ކުޑަކުދީން މީހުންނާ ދައްކާ ކަހަލަ ވާހަކަ ނޫންތޯ" ކަމަށާއި "ތިޔަ ބޭފުޅުން އައްސަވައިފާނެ މީހުން މީހުންނާ ހިތާވެގެން އިންނަނީ ކޮންއިރަކުންތޯ ވެސް" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ސަން އަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ރައީސް ވަހީދު ބައްދަލުކުރެއްވި ކަމަށާއި ނަޝީދާ ބައްދައްލު ކުރެއްވީ ނަޝީދުގެ އެދިވަޑއިގަތުމަކަށް ކަމަށެވެ. އަދި ރައީސް ވަހީދު ނަޝީދާ ބައްދަލު ކުރެއްވީ ނަޝީދަކީ ކުރީގެ ރައީސަކަށްވާތީ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލު ކުރެއްވުމުގައި ދެއްކެވީ ކޮން ވަހަކައެއް ކަމެއް މަސްއޫދު ވިދާޅެއް ނުވި އެވެ.
ރައީސް ވަހީދާއި ކުރީގެ ރައީސް ނަޝީދު މިރޭ ބައްދަލުކުރެއްވި އިރު، ރައީސް ވަހީދު ވަނީ ކުއްލިގޮތަކަށް މިއަދު މެދުރު ފަހު ގައުމާ މުހާތަބު ކުރައްވައި ވާހަކަ ފުޅު ދައްކަވައިފަ އެވެ. ރައީސް މިއަދު ވިދާޅުވީ އިންތިހާބާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި އެ ނިންމުން ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތަކީ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއްނޫން ކަމަށާއި މިވަގުތަކީ ހަމަބުއްދި އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފާރަވެރިވާންވީ ވަގުތު ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ ދައުވަތަކަށް ދެ ބޭފުޅުން މިރޭ ބައްދަލު ކުރެއްވި އިރު މިދިޔަ މަހު 1 ވަނަ ދުވަހުގެ ރޭ އޮތް ރިޔާސީ ބަހުސުގައި ނަޝީދު މަސައްކަތް ކުރެއްވީ ވަހީދާ ސަލާމް ނުކުރައްވައި ހޯލުން ނުކުންނެވޭތޯ އެވެ.