މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރި ވޯޓު ކަރުދާހާ ދާދި އެއްގޮތަކަށް ހދ. ކުޅުދުއްފުށީގައި ދެ މީހަކު ވޯޓު ކަރުދާސް ޕްރިންޓުކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް، އަސްލު ވޯޓު ކަރުދާހެއް ހޯދަން އެދުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް އިޖާބަދީފައިނުވާ ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓް ކުރި މައްސަލައާ ގުޅިގެން އެރަށު މާވިނަ، އަހްމަދު އާތިފްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ވަނީ އަސްލު ވޯޓު ކަރުދާހެއް އޮތްތޯ ދައުލަތުގެ ވަކީލާއި ސުވާލު ކުރައްވާފަ އެވެ.

ފަނޑިޔާރުން އެގޮތަށް ސުވާލުކޮށްފައި ވަނީ އާތިފް ޕްރިންޓްކުރި ކަރުދާހާއި އަސްލު ކަރުދާހާ ތަފާތު ކަމަށް ވިދާޅުވެ އެކަން ދެނެގަތުމަށް އަސްލު ކަރުދާހެއް ޝަރީއަތަށް ގެނައުން މުހިންމުކަމަށް އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވުމުންނެވެ.

ފަނޑިޔާރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އަސްލު ކަރުދާހެއް ބޭނުންވެގެން އިލެކްޝަންސް ކޮމިޝަންގައި ފުލުހުން އެދުމުން އެކަމަށް އެ ކޮމިޝަނުން އިޖާބަދީފައިނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އާތިފް ފްރިންޓް ކުރި ކަރުދާހާއި އަސްލު ކަރުދާހާއި ހުރި ތަފާތު ބުނެދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ދައުލަތުން އެދުމުން އެކަމަށް ވެސް ޖަވާބެއްދީފައިނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އަސްލު ވޯޓު ކަރުދާސް ހޯދަން މަސައްކަތް ކުރުމަށް ދައުލަތަށް އަންގާފަ އެވެ.