02 Oct 2013, 18:03
ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލާގައި ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތްތަކަށް ގަސްދުގައި ބަޔަކު ހުރަސްއަޅަމުންދާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބުނެފި އެވެ.
މިއަދު ނަސަންދުރަ ޕެލަސް ހޮޓަލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށްލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ވެއްޖިއްޔާ އެއީ އެމީހުން ގަބޫލު ކުރާ ގޮތް ނޫން ކަމަށް ދައްކައިގެން ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތަށް ކަނޑައެޅިގެން ބަޔަކު ހުރަސް އެޅުމަށް ސިލްސިލާކޮށް އެ ކުރަމުންދާ މަސައްކަތްތައް ވެސް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެމްޑީޕީ އަށް އިޝާރާތް ކުރައްވައި އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ގައުމުގައި ގާނޫނާ ހިލާފަށް ހިންގާ ކަންކަމާ މެދު ފިޔަވަޅު އެޅުމަކީ އެއީ ވަކި މިހަކާ ދޭތެރޭ ޒާތީވެގެން ކަމެއް އަޅާ ފިޔަވަޅެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދައިން ބަޔަކު ދެކޭ ކަމަށް ވަންޏާ އެއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ގައުމުގައި ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަމަށް ފިޔަވަޅު އެޅުމަކީ އެއީ ވަކި ފަރާތަކާ މެދު ޒާތީވެގެން ކަންތައް ކުރެއްވުން ކަމަށް ދެކިލައްވަންޏާ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އަޅުގަނޑުދެކެން،" އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އަދި ގައުމު ހެޔޮމަގަށް ގެނައުމަށް ޑރ. ވަހީދު މިއަދު ދެއްކެވި ވާހަކަފުޅާ އެއްގޮތަށް ހުރިހާ ފަރާތަކުން ވެސް އަމަލުކޮށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މިއަދު ބޭއްވި ނޫސްކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަކީ އެމަނިކުފާނުގެ މަސައްކަތުގައި ވަރަށް ސާބިތުކަމާ އެކު ވަރަށް ކެރިގެން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ގެއްލުމުން ގައުމަށް ލިބުނީ ފުނުބެއްދޭ ވަރުގެ ބޮޑު ގެއްކުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލިތާ އެއް އަހަރު ފުރުމާ ގުޅިގެން މިރޭ ނުވައެއް ޖަހާއިރު ކާނިވަލު ސަރަހައްދުގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ. އަދި ގައުމީ ކަމެއް ކަމަށް ދެކިގެން އެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ވެސް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.