02 Oct 2013, 17:25
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލައި ލިޔެފައިވާ ސިޓީއެއް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓުވީޓް ކުރައްވާފައި ވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ރިޔާޒުއާ މެދު ފިޔަވަޅު އެޅުމަށް އެންގުމުން ހޯމް މިނިސްޓަރު އަޅާފައިވާ ފިޔަވަޅެއް އަންގައިދިނުމަށް އެދި ހޯމް މިނިސްޓްރީ އަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ސިޓީއެއް ފޮނުވައިފި އެވެ.
އެމައްސަލާގައި މައާފަށް އެދުމަށާއި އެކަން ތަކުރާރުނުކުރުމަށް އަބުދުﷲ ރިޔާޒަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީ އާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަހުމަދު ޝަފީއު މީޑިއާގައި ވާހަކަދައްކާފައިވާ އިރު ޕީއައިސީ އިން ބުނީ އެ މުއައްސަސާ އަށް އަދި މިހާތަނަށް އެކަން އަންގާފައިނުވާ ކަމަށެވެ. އަދި އެޅި ފިޔަވަޅެއް ސާފުކޮށް އަންގައިދިނުމަށް އެދި މިއަދު ހޯމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ރިޔާޒާ މެދު ފިޔަވަޅު އެޅުމަށް ޕީއައިސީން ލަފާދީފައި ވަނީ ފުލުހުންގެ ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުނެވެ. އެ މާއްދާގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މަގާމު ދަށްކުރުމާއި ނަސޭހަތް ދިނުމާއި ވަޒީފާ އަދާކުރާ ތަން ނޫން އެހެން ތަނަކަށް ބަދަލުކުރެވެ އެވެ.
ޑރ. ވަހީދު ވިދާޅުވެފައި ވަނީ ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ފުލުހަކު ގާނޫނާ ހިލާފުވުމުން އޭނާއާ މެދު ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ހޯމް މިނިސްޓަރަށް އަންގައިފި ނަމަ ހޯމް މިނިސްޓަރު އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު ނާޅައިފި ނަމަ ފިޔަވަޅު ނޭޅި ސަބަބު ހޯމް މިނިސްޓަރު އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލައި ލިޔެފައިވާ ސިޓީއެއް ޓުވީޓު ކުރެއްވި ކަމަށް ރިޔާޒު ވަނީ ތަހުގީގުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.