ހެވީ ލޯޑް މޯލްޑިވްސް އާއި އެ ކުންފުނީގެ ވެރިންނަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ (އެމްއެފްއެލްސީ) އިން ދޫކޮށްފައިވާ އުޅަނދުފަހަރުތަކަކަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނުދައްކައިގެން 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހެވީލޯޑާއި އެ ކުންފުނީގެ ވެރިންގެ މައްޗަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިން ކަމުގައިވާ، މ. ގުލްހަޒާރުގޭ، މޫސާ މަނިކު (ރީކޯ މޫސާ) އާއި މިގުދާދު މޫސާ ގެރެންޓީދީގެން 20 ޖޫން 2008ގައި ފައިނޭންސް ލީސިންގް އުސޫލުން ހެވީލޯޑަށް ދޫކޮށްފައިވާ "ހެވީ ސްޕީޑް" ލޯންޗާއި "ހެވީ ސްޕީޑް1" އަދި "ހެވީ ސްޕީޑް2" ލޯންޗަށްވާ ފައިސާ އެމްއެފްއެލްސީ އަށް އެއްބަސްވުމާ އެއްގޮތަށް ނުދައްކާތީ 14 އޮގަސްޓް 2012ގައި އެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން 31 އޮކްޓޯބަރު 2013ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކި ހުރި ފައިސާ އާއި ގަވާއިދުން ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އާއި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ދައްކަން ޖެހޭ ލިކިއުޑޭޓް ޑެމޭޖަސް އަށްވާ 85،249.62 އެމެރިކާ ޑޮލަރާއި ވަކީލުންގެ ފީއަށްވާ 26000 ރުފިޔާ އާއި ކޯޓު ފީއަށްވާ 25 ރުފިޔާ ދެއްކުމަށް ހުކުމުގައިވެ އެވެ. އެއީ އެކު ޖުމްލަ 1،314،549.14 ރުފިޔާ އެވެ.

އެ ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ވެސް ހެވީލޯޑާއި އެ ކުންފުނީގެ ވެރިންގެ މައްޗަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.