މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކޮށްފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޑީއާރްޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަހްމަދު މިރޭ އެއްވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


މިރޭ 9 ޖަހާއިރު އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖައްސައިފައިވާ އެއްވުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، މި އެއްވުމުގެ ބޭނުމަކީ މާލޭ އެއާޕޯޓް ދިގު މުއްދަތަކަށް ޖީއެމްއާރަށް ވިއްކާލާފައިވާތީ އެކަމާ ދެކޮޅު ހަދައި، ކަންބޮޑުވުން ފާޅުކުރުން ކަމަށެވެ. މި ބައްދަލުވުން އިންތިޒާމްކުރަނީ ވާދަވެރި ޕާޓީތަކުގެ އާއްމު މެމްބަރުން ކަމަށާއި އެ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ އެކިއެކި ބޭފުޅުން މިރޭގެ އެއްވުމުގައި ވާހަކަދައްކަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.


"ސަރުކާރުން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ގެއްލޭ ހިސާބަށް ދައުލަތުގެ މުދާތައް ވިއްކާފައި މިހާރު މިވަނީ. އެހެންވީމަ، އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ބާއްވާ އެއްވުމެއް މިއީ،" އުމަރު ވިދާޅުވި އެވެ.


އުމަރު ވިދާޅުވީ، އެއާޕޯޓު ހިންގުން ޖީއެމްއާރާ މިހާރު ހަވާލުކޮށްފައިވާ ނަމަވެސް، އެ ނިންމުން ރައްޔިތުންނަށް ބަދަލުކުރެވިދާނެ ކަމަށާއި އެކަން ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އިޚްލާސްތެރިކަމާއެކު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެސެޖްދޭން ޖެހޭ ކަމަށެވެ. އަދި މިރޭގެ އެއްވުމުގެ ބޭނުމަކީ ވެސް އެ މެސެޖް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.


ޑީއާރްޕީގެ އޮފިޝަލަކު ވިދާޅުވީ، މިރޭގެ ހަރަކާތުގައި ސީދާ ޕާޓީން ބައިވެރިނުވާ ނަމަވެސް ޑީއާރްޕީގެ ގިނަ މެމްބަރުން ވެސް އަމިއްލަ ހައިސިއްޔަތުން ބައިވެރިވާނެ ކަމަށާއި ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ފަރާތްތައް އޮންނާނީ އަބަދު ވެސް އެކީގައި ކަމަށް ވިދާޅުވި އެވެ.


ނަމަވެސް ދައުލަތުގެ ހަރު މުދާތައް ސަރުކާރުން ވިއްކަމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އުމަރާއި އިލްހާމް އިސްކޮށް ތިއްބަވައިގެން ބާއްވަން އުޅުނު "ގަންނާނެއްބާ ސަރުކާރު" މި މުޒާހަރާ އަށް  ޑީއާރްޕީން ވަނީ ހުރަސް އަޅައިފަ އެވެ. އަދި ޑީއާރްޕީގެ ލީޑަރޝިޕްގެ ނިންމުމާ ދެކޮޅަށް އަމަލުކުރެއްވި ކަމަށް ބުނެ، އެ ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު ކަމުގައިވާ އުމަރާ މެދު ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީއަށް ވެސް ވަނީ ފޮނުވައިފަ އެވެ.