ހދ. ކުޅުދުއްފުށީގައި ވޯޓު ކަރުދާސް ޕްރިންޓު ކުރި މީހުންގެ ޝަރީއަތް ހައިކޯޓުގައި މިއަދު ފަށައިފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ކުޅުދުއްފުށީ މާވިނަ، އަހްމަދު އާތިފާއި އެރަށު ބެނިސަން، އަހުމަދު އަބްދުއްރަހީމްގެ މައްޗަށެވެ.

ހައިކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އެ ދެ މީހުންގެ ތެރެއިން އާތިފްގެ ޝަރީއަތެވެ.

އޭނާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭނުންކުރި ވޯޓުކަރުދާހާ އެއްގޮތަށް ނަމޫނާ ވޯޓު ކަރުދާސްތަކެއް އާތިފާއި އަހްމަދު އަބްދުއްރަހީމް ޕްރިންޓްކޮށް ލެމިނޭޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ވޯޓު ކަރުދާސް ހުންނާނެގޮތް އިޝްތިހާރު ކުރުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ ވަނީ އާތިފް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ.

އެ ކަރުދާސް ޕްރިންޓްކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި އިން ކަރުދާހެއް ނަމޫނާއަކަށް ބަލައިގެން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިއުލާނުގައި ހިމަނާފައިވާ ނަމޫނާ ވޯޓު ކަރުދާހާ އެއްގޮތަށް ޑިޒައިންކުރީ އަބްދުއްރަހީމް ކަމަށާއި އޭނާ ޑިޒައިންކުރުމުން ޕެން ޑްރައިވް އަކަށް އަޅައިގެން ކުޅުދުއްފުށީގައި ހުންނަ ޕްރިންޓްކުރާ ތަނެއް ކަމަށްވާ އެމްއޯސީ ޓްރޭޑިންއަށް ގޮސް 15 ކަރުދާސްކޮޅު އާތިފް ޕްރިންޓް ކޮށްފައިވާނެ ކަމަށް ވެސް އާތިފް ތަހުގީގަށް ދިން ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވޯޓު ކަރުދާސްތައް ޕްރިންޓްކޮށް ނިމުމުން އެ ތަކެތި ލެމިނޭޓް ކުރުމަށްފަހު ބެހެއްޓީ ކުޅުދުއްފުށީ އެމްޑީޕީ އޮފީހުގައި ކަމަށެވެ.

އެ ބަޔާން އިއްވުމުން އާތިފްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ އެއީ ސައްހަ ބަޔާނެއް ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ތަހުގީގު ބަޔާނަށް އިއުތުތިރާފުވި ނަމަވެސް އާތިފް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އޭނާގެ ވަކީލު ހަސީން ވިދާޅުވީ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ.

ހަސީން ވިދާޅުވީ ވޯޓު ކަރުދާސް ޕްރިންޓްކުރީ ބާތިލް ވޯޓު މަދުކޮށް، އެ މީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލާން ބޭނުންނަމަ ފާހަގަ ޖަހަން ޖެހޭތަނާ ބެހޭގޮތުން ވޯޓުލާންދާ މީހުންނަށް މައުލޫމާތު ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އާތިފް ޗާޕްކުރި ކަރުދާހަކީ އަސްލު ވޯޓު ކަރުދާހާއި އެއްގޮތް އެއްޗެއް ނޫން ކަމަށާއި ކުށަކަށް ވާނީ ވޯޓު ކަރުދާސް ހުންނަގޮތަށް ތައްޔާރުކޮށް ޕްރިންޓް ކުރުމުން ކަމަށެވެ. ނަމަވެސް އެއްވެސް ގޮތަކަށް އެ ކަރުދާސްތައް އިޝްތިހާރު ކޮށްފައިނުވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ހަސީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދިވެހި ބަހުގައި އިޝްތިހާރު ކުރުމަކީ ގިނަ މީހުންނަށް ކަމެއް އެންގުމަށްޓަކައި ލިޔާ ލިޔުމެއް ނުވަތަ ގޮވާ ގޮވުމެއް ކަމަށެވެ. އާތިފްގެ އަމަލުން ގިނަ ބަޔަކަށް އެ ކަރުދާސް ދައްކަން މަސައްކަތްކޮށްފައިވާކަން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ދައުވާ ކޮށްފައި ވަނީ "އިޝްތިހާރު ކުރަން އުޅެގެން" ކަމަށްވާތީ އެ ކަރުދާސް އެހެން ބަޔަކަށް ދެއްކި ތޯ ނުވަތަ ނޫންތޯ ބަލަންނުޖެހޭ ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ވޯޓު ކަރުދާހެއްގައި ހުންނަ އަސާސީ ގޮތްތައް އާތިފް ޗާޕްކުރި ކަރުދާހުގައި ވެސް ހުރި ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ލެޓާ ހެޑާއި ދައުލަތުގެ ނިޝާނުގެ އިތުރުން ކެންޑިޑޭޓުންގެ ނަމާއި ރަނިންމޭޓުންގެ ނަން އަސްލު ކަރުދާހުގައި ހުންނަ ތަރުތީބުން އެ ކަރުދާހުގައި ޖަހާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މާދަމާ ވެސް އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.