02 Oct 2013, 16:24
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީއަކީ ކާމިޔާބު މޮޅު ކޯޗެއް ނޫން ކަމަށާއި އޭނާއަކީ ވަރަށް މޮޅު ޓްރެއިނަރެއް ކަމަށް ގައުމީ ޓީމްގެ ކުރީގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު) ވިދާޅުވެއްޖެ އެވެ.
އާމިރު ވިދާޅުވީ، ސީނިއާ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އުރުބާނީ ނުބެހެއްޓިޔަސް ޖޫނިއާ ޓީމުތަކަށް ތަމްރީނު ދިނުމަށް ޔޫތު ޑިވެލޮޕްމަންޓް ޓްރެއިނަރެއްގެ ގޮތުން އުރުބާނީގެ އެހީތެރިކަން ހޯދިއްޖެ ނަމަ ވަރަށް ބޮޑު ފައިދާއެއް ލިބޭނޭ ކަމަށް ގަބޫލު ކުރަށްވާ ކަމަށެވެ.
"އޭނާގެ ޓްރެއިންނިންތައް ވަރަށް މޮޅު. އޭނާ ޓްރެއިނިންތައް ބައްޓަން ކޮށްފައި މި ހުންނަނީ، ބާސެލޯނާ ފަދަ ޓީމުތަކުގެ ޓްރެއިނިން ހުންނަ ގޮތަށް. އެހެން ކަމުން ރާއްޖޭގައި އަލަށް އުފެދެމުން އަންނަ ޒުވާން ކުޅުންތެރިން އެ ސްޓައިލަށް ބައްޓަން ކުރެވިއްޖެ ނަމަ މުސްތަގުބަލުގައި ގައުމީ ޓީމަށާއި ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑު ފައިދާއެއް ކުރާނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު ވިދާޅުވި އެވެ.
އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ނޭޕާލަށް ފުރަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ގައުމީ ޓީމުގެ މެނޭޖަރު ކަމުން އާމިރު އިސްތިއުފާ ދެއްވީ ޓީމުގެ ކުޅުންތެރިން ތަކެއްގެ އަހްލާގީ މައްސަލަ ތަކެއްގައި އޭނާގެ ނިންމުމާއި ދެކޮޅަށް ކޯޗާއި އެފްއޭއެމް އިން އަމަލު ކުރުމުންނެވެ.
"ކޯޗެއްގެ ގޮތުން މަސައްކަތް ކުރާއިރު އެންމެ ބޮޑު މައްސަލައަކަށް މިފެންނަނީ ޑިސިޕްލިން މައްސަލަ. އެކަމަކު ދަނޑު މަތީގައި ކުޅުންތެރިންނަށް ތަމްރީނު ދިނުމުގައި އެއީ މިހާތަނަށް ރާއްޖެ އައި ބޭރުގެ އެންމެ ރަނގަޅު އެއް ޓްރެއިނަރު،" އުރުބާނީއާ ބެހޭގޮތުން އާމިރު ވިދާޅުވި އެވެ.
ގައުމީ ޓީމަށް ދެފަހަރެއްގެ މަތިން އުރުބާނީ ކޯޗުކަން ކޮށްދީފައިވާ އިރު 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލާ ހަމައަށް ޓީމު ގެންދެވުނު ނަމަވެސް އެފަހަރު ޕެނަލްޓީ ޖަހައިގެން ގައުމީ ޓީމް ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. އަދި ދެވަނަ ފަހަރު ޓީމާ ހަވާލުވީ 2011 ވަނަ އަހަރު ދިއްލީގައި އޮތް ސާފް ޗެމްޕިއަން އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ އަތް ދަށުވި އިރު އެންމެ ފަހުން ނޭޕާލްގައި ނިމުނު ސާފް ޗެމްޕިއަންޝިޕުން ވެސް ރާއްޖެ ބަލިވީ އިންޑިއާ އަތްދަށުވެ އެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިފަހަރަކީ ރާއްޖޭގެ ގައުމީ ޓީމް އެންމެ ވަރުގަދަކޮށް އޮތް ފަހަރު ކަމަށްވެފައި، އަދި އިންޑިއާ ޓީމް އެހެން ފަހަރު ތަކަށްވުރެ ބަލިކަށިކޮށް އޮތް ފަހަރަކަށް ވެފައި އިންޑިއާ އަތުން ރާއްޖެއަށް މޮޅު ނުވެވުނީ ކޯޗަށް މެޗު ރަނގަޅަށް ދެނެގަންނަން ނޭނގުމާއި ޓީމަށް ބަދަލު ގެންނަން ޖެހޭ ވަގުތު ތަކުގައި ރަނގަޅު ބަދަލު ތަކެއް ނުގެނެވުމުގެ ސަބަބުންނެވެ. އެހެން ކަމުން މި ތިން މުބާރާތުގައި ވެސް އުރުބާނީއަށް ޓީމާއެކު ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ އުރުބާނީ މިހާރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ބުނަމުން ގެންދެ އެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން އުރުބާނީއަށް މިހާރު އެދެވޭ ފުރުސަތުތަކެއް ދެވިއްޖެ ކަމަށް. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އޭނާއަށް އެދެވޭ ކާމިޔާބެއް ހޯދިފައެއް ނެތް. އެހެން ނަމަވެސް ގައުމީ ޓީމުގެ ކުރީގެ މެނޭ ޖަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރަން ޖޫނިއާ ޓީމްތަކަށް ތަމްރީނު ދިނުމަށް އުރުބާނީގެ ބޭނުން ހިފިއްޖެ ނަމަ ވަރަށް ފައިދާ ވާނެޔޭ. އޭނާގެ ޓްރެއިނިން ސްޓައިލް އަޅުގަނޑަށް ވަރަށް ކަމުދޭ،" އާމިރު ވިދާޅުވި އެވެ.
އުމުރުން 46 އަހަރުގެ އުރުބާނީ ވަނީ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާގެ އަމިއްލަ ގައުމު ކަމަށްވާ ހަންގޭރީގެ ބޮޑެތި ކްލަބް ތަކުގެ ޔޫތު ޓީމު ތަކާއެކު ސީނިއާ ޓީމުތަކަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.
އުރުބާނީ ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ޒުވާން ޓީމާއެކު 2012 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ރާޖަ ޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައި ދީފަ އެވެ.
ފުޓްބޯޅައިގައި ދިވެހިން މާޔޫސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިހާރު ދަނީ އުރުބާނީގެ ބަދަލުގައި އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ނުރަސްމީކޮށް ސަންއަށް ވަނީ ކަށަވަރު ވެފަ އެވެ.