ރޯމް (އޮކްޓޯބަރ 3): އިޓަލީގެ ބޮޑުވަޒީރު އެންރީކޯ ލެޓާގެ ކޯލިޝަން ސަރުކާރުގެ މައްޗަށް ސެނެޓްގައި އިތުބާރުގެ ވޯޓެއް ނެގުމަށް ހަމަޖެހިފައި ވަނިކޮށް ސެނެޓްގައި އޭނާ ތަޤްރީރު ކުރައްވައިފި އެވެ.

މިތަޤްރީރުގައި ލެޓާ ވިދާޅުވީ އޭނާގެ ސަރުކާރު ވެއްޓުމަކީ އިޓަލީއަށް ބަޔާންނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށާއި ސަރުކާރު ދެމިއޮތުމުގެ ފައިދާ ކުރާނީ ގައުމަށް ކަމުގަ އެވެ. ސަރުކާރު ދިފާޢުކުރައްވަމުން ލެޓާ ވިދާޅުވީ ފާއިތުވި މަސްތަކުގައި އޭނާގެ ސަރުކާރު މަސައްކަތްކޮށްފައި ވާނީ ވަރަށް ދަތި އުނދަނގޫ މާހައުލެއްގައި ކަމަށާ ނަމަވެސް ރައްޔިތުންގެ ހައްގުގައި ބޮޑެތިކަންތައްތަކެއް އޭނާގެ ސަރުކާރުން ކޮށްފައިވާ ކަމުގަ އެވެ.

ލެޓާގެ ކޯލިޝަން ސަރުކާރު ބަލިކަށިވެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިފައި ވަނީ އެކޯލިޝަންގައި ހިމެނޭ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިޔޯ ބާލުސްކޯނީގެ "ޕީޕަލް އޮފް ފްރީޑަމް ޕާޓީ"ގެ ފަސްވަޒީރުން މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާދެއްވުމުންނެވެ. ބާލުސްކޯނީގެ ޕާޓީއަށް ނިސްބަތްވާ ވަޒީރުން އިސްތިއުފާ ދެއްވީ ދައުލަތަށް ޓެކްސް ދެއްކެވުމަށް މަކަރު ހެއްދެވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ބާލުސްކޯނީ، ސެނެޓުން ބޭރުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވެސް ބައިވެރިވާ ކަމަށް އޭނާ ތުހުމަތުކުރައްވާ މައްސަލައިގަ އެވެ.

ނަމަވެސް ލެޓާ ސެނެޓްގައި ދެއްވި ތަގްރީރަށް ފަހު ބާލުސްކޯނީ ވަނީ ސަރުކާރާ އަލުން ނުގުޅުނު ނަމަވެސް ސަރުކާރުގެ މައްޗަށް އިތުބާރުއޮތްތޯ ބެލުމަށް ސެނެޓުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓުގައި އަމަލުކުރައްވާނެ ގޮތެއް ނިންމެވުމުގައި އިތުރަށް ވިސްނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޓަލީ އަށް ކުރިމަތިވެފައިވާ ސިޔާސީ މިމައްސަލަ ޙައްލު ޙައްލުކުރުމަށް ޓަކައި އެގައުމުގެ ރައީސް ޖޯޖިޔޯ ނަބުލިތާނޯވަނީ ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާ ކުރައްވާފަ އެވެ. އަދި އިޓަލީގައި އެންމެ ފަހުން ބޭއްވި އިންތިޚާބަށް އަދި އަހަރެއް ވެސް ނުވާއިރު އަވަސްއިންތިޚާބެއް ބޭއްވުމަކީ ގައުމަށް އެންމެ ރަނގަނޅުގޮތް ނޫންކަމަށާ އެންމެ ރަނގަނޅު ގޮތަކީ އައު ކޯލިޝަން ސަރުކާރެއް ވުޖޫދަށް ގެނައުންކަމަށް ރައީސް ނަބުލިތާނޯވިދާޅުވެފައިވެ އެވެ.

އިޓަލީގެ ސެނެޓްގައި ސަރުކާރަށް އިތުބާރުއޮތްތޯ ބެލުމަށްނަގާ ވޯޓު ކާމިޔާބު ކުރެވޭނީ 161 ވޯޓު ސަރުކާރާ އެއްކޮޅަށް ލިބިގެންނެވެ. ނަމަވެސް ކޯލިޝަން ސަރުކާރުގައި ހިމެނެނީ ސެނެޓްގެ 137 މެންބަރުންނެވެ. އިތުރަށް 25 ވޯޓު ލެޓާގެ ސަރުކާރު ވެއްޓުމުން ސަލާމަތް ކުރުމަށް ބޭނުންވެ އެވެ. (ރޮއިޓާސް)