02 Oct 2013, 16:06
ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި މިރޭ ގަލަތަސަރާއީއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ޓެވޭޒް ނުފެންނާނެ ކަމަށް އެޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ޓެވޭޒްއަށް އަނިޔާވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ލީގުގައި ޓޮރީނޯ އަތުން ޔުވެންޓަސް 0-1 އިން މޮޅުވި މެޗުގަ އެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ޔުވެންޓަސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ، ޓެވޭޒަށް ލިބުނު އަނިޔާއިން އޭނަ އަދި ރަނގަޅަށް ފިޓްނުވާ ކަމަށާއި އެންމެ ފަހުން ބޭއްވި ފަރިތަކުރުމުގައި ވެސް އޭނަ ބައިވެރި ވެފައި ނުވާކަމަށެވެ. އެހެން ކަމުން ޓެވޭޒް ނެތްތަން ފޫބެއްދުން ވަރަށް މުހިންމު ކަމަށް ކޮންޓޭ ބުންޏެވެ.
"ޓެވޭޒް މިރޭ ނުފެންނާނެ. އަހަރުމެން އޭނަ ނެތި ކުޅެން ޖެހުމުން ވަރަށް މާޔޫސްވޭ. އެކަމަކު ޓެވޭޒް ނެތްތަން ފޫބެއްދުމަށް އަހަރުމެން މިރޭ ވަރަށް މަސައްކަތް ކުރާނަން" ކޮންޓޭ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޔުވެންޓަސް ކޯޕަންހޭގަންއާ ވާދަކުރި މެޗް ނިމުނީ 1-1 ލަނޑުން އެ ދެޓީމް އެއްވަރު ވެގެންނެވެ. އެހެން ކަމުން މިރޭގެ މެޗަކީ ޔުވެންޓަސްއަށް މުހިންމު މެޗަކަށް ވެގެން ދާނެއެވެ.
މިރޭގެ މެޗަށް ޔުވެންޓަސް ނިކުންނައިރު ގްރޫޕްގައި އެޓީމް އޮތީ އެއް ޕޮއިންޓާއެކު ދެ ވަނަ މަގާމް ގައެވެ. ގްރޫޕްގެ އެއްވަނަ މަގާމްގައި އޮތީ ތިން ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި އޮތީ ޔުވެންޓަސްއާ އެއް ވަރަށް ޕޮއިންޓު ހޯދައިގެން ކޯޕަންހޭގަންއެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ގަލަތަސަރާއީ އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ޖުމްލަ އަށް މެޗު ކުޅޭނެ އެވެ. އެއް މެޗު ފިޔަވައި ހުރިހާ މެޗުތައް ވެސް ކުޅޭނީ ރާއްޖޭ ގަޑިން މިރޭ 11:45ގަ އެވެ.