02 Oct 2013, 15:59
މިއަހަރުގެ ކުރީކޮޅު ހިނގި ފްރޯޑް ކޭހުގައި ހެކުކޮށްގެން 4.9 މިލިއަން ރުފިޔާ ރާއްޖެ އިން ބޭރުގެ ގައުމަކަށް ބަދަލުކޮށްފައިވާ މައްސަލައާ ގުޅިގެން މަނީގްރާމުން ބަދަލު ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ޕޯސްޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ނަސީމް މިއަދު ވިދާޅުވީ ފްރޯޑްގެ މައްސަލައާ ގުޅިގެން މަނީގްރާމްއިން އެ ފައިސާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާތީ އެކަމުގައި ފޯލްޓެއް އޮތީ ކޮން ބައެއްގެ ކަން އަދި ނޭނގެ. އެހެން ނަމަވެސް ގެއްލުނު ފައިސާ ހޯދަން މަނީ ގްރާމުން މަސައްކަތްކުރަމުންދޭ. ނަމަވެސް އެކަން ހިނގި ގޮތް މުޅިން ސާފުވާނީ ފުލުހުންގެ ތަހުގީގު ނިމިގެން،" އޭނާ ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މަނީގްރާމް އިން ދަނީ އެ މައްސަލަ އިނގިރޭސިވިލާތުގެ އާބިޓްރޭޝަނަށް ހުށަހެޅުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ބަދުރުއްދީން ވިދާޅުވީ އެ މައްސަލައާ ގުޅިގެން މަނީގްރާމާއެކު މުއާމަލާތްތަކެއް ކުރި ނަމަވެސް އާބިޓްރޭޝަނަށް ހުށަހެޅި ކަމެއް އަންގާފައިނުވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ މައްސަލައަކީ ސައިބާ ކުރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކޮށްފައިވާ ކުށެއް ކަމަށާއި، އެމައްސަލަ ފުލުހުންގެ ސައިބާ ކުރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އައި މަނީގުރާމްގެ ހިދުމަތް މެދުކަނޑާލާފައިވާ އިރު، ހިދުމަތް ފެށޭނީ މައްސަލަ ތަހުގީގުކޮށް ދެވަނަ ފަހަރަށް އެފަދަ މައްސަލައެއް ދިމާނުވާނެ ކަން ޔަގީންކުރެވުމުން ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެ އެވެ.
މަނީގުރާމްގެ ހިދުމަތަކީ 1940 ވަނަ އަހަރުން ފެށިގެން އެއްގައުމުން، އަނެއް ގައުމަށް ފައިސާ ބަދަލުކުރުމުގެ ހިދުމަތް ދެމުން އަންނަ އެމެރިކާގެ ކުންފުންޏެކެވެ. ސަތޭކަ ނުވަދިހަ ހަތަރު ގައުމެއްގައި ހިދުމަތް ދެމުންދާ މަނީގްރާމަކީ 275،000 އެޖެންޓުންނާއެކު ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ފައިސާ ބަދަލުކުރުމުގެ ހިދުމަތްދޭ ކުންފުންޏެވެ.