02 Oct 2013, 14:46
ގދ. ގައްދޫގައި ޑައިވިން އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެ އެވެ.
ގދ. ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ ޑައިވިން އަށް ގޮސް އުޅުނު އެ ރަށު ފަނޑުނުވާގެ އަބްދުﷲ ޒުބައިރު މުހައްމަދު،46، މަރުވެފައި ވަނީ މިއަދު މެންދުރު ގާތްގަނޑަކަށް 1:30 އެހާކަންހާއިރު ކަމަށެވެ. އަދި މިހާރު އޭނާގެ ކަށުކަމާ ކެމީގެ ކަންތައް ކުރިއަށްދާ ކަމަށެވެ.
ޒުބައިރު އާ އެކު ޑައިވިން އަށް ދިޔަ މަސީހް ބުނީ ޒުބައިރު މަރުވެފައިވާ އޮއްވައި ފެނުނީ ފަސް މީހަކު އެންދަމަން ކަނޑު އަޑިއަށް ގޮސް އުޅެނިކޮށް ވައިފުޅިއާއި އަނގަޔާ ގުޅާފައިވާ ހޮޅި ނެއްޓިގެން ކަމަށެވެ. އަދި އެވަގުތު ވެސް އޭނާ އަށް އަނގައިން ނޭވާލައިދޭން އުޅުނު ކަމަށާއި ނަމަވެސް ދޫނުކުމެފައި އޮތުމުން މައްޗަށް އެރުވި އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވާކަން ގައްދޫ ސިއްހީ މަރުކަޒުން ވެސް ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. ސިއްހީ މަރުކަޒުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ސިއްހީ މަރުކަޒަށް އޭނާ ގެންގޮސްފައި ވަނީ މެންދުރު 1:25 އެހާކަންހާއިރު ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި މިހާރު ހަށިގަނޑު ޗެކްކުރުމަށް ފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި މަރުވެފައި ވަނީ ގެނބިގެން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް މިއަދު މެންދުރު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.