ދުނިޔޭގެ އެކި ގައުމުތަކުގައި ހޮޓާލަތަކާއި ރިޒޯޓްތައް ހިންގަމުން އަންނަ "ފޯސީޒަންސް"އަކީ ތިމާވެށި ހިމާޔަތް ކުރަން ވަރަށް ގިނަ މަސައްކަތް ކުރާ ޗޭނެކެވެ. އެކުންފުނިން ރާއްޖޭގައި ހިންގަމުން އަންނަ ދެ ރިޒޯޓުން ވެސް އެކަން ރަނގަޅަށް ކުރެ އެވެ. ފޯސީޒަން ރިޒޯޓް އެޓް ލަނޑާ ގިރާވަރުން ވެލަޔާއި ކަހަނބު ހިމާޔަތް ކުރަން ކުރާ މަސައްކަތަކީ އެދަދަ ކަމެކެވެ.

ވެލަޔާއި ކަހަނބުގެ ހާލު ބަލައި، އޭގެ ތެރެއިން އަނިޔާ ވެފައިވާ ތަކެއްޗަށް ފަރުވާ ކުރުމަށް ލަނޑާ ގިރާވަރުގައި ހާއްސަކޮށްފައި ވަނީ ޑރ. ޖިލް ހަޑްޖިންގްސް އެވެ. އޭނާ އަކީ ސީމާކް ކޮންސަލްޓެންސީގެ ސައިންޓިސްޓެކެވެ. އެކި އެކި ޒަހަމްތައް ލިބިފައިވާ ވެލައި ހޯދައި ފަރުވާ ކުރުމަކީ އޭނާގެ މަސައްކަތެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖިލް ވިދާޅުވެފައި ވަނީ ރާއްޖޭގެ ކަނޑުތަކުން ޒަހަމްވެފައިވާ ގިނަ ވެލާތައް ފެންނަ ކަމަށެވެ. އެ ގޮތުން ފެންނަ ގިނަ ވެލަޔަށް އަނިޔާތައް ވެފައި ހުންނަނީ ކަނޑަށް ދޫކޮށްލާފައިވާ މަސްހިފާދަލުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ވެލާތަކުގައި އޮޅިފައިވާ ދާތަކަކީ ރާއްޖޭގެ މަސްވެރިން ދޫކޮށްފައިވާ ތަކެތި ނޫން ކަމަށް ބެލެވޭ ކަމަށެވެ. އެތަކެތި އަންނަނީ އަވަށްޓެރި އިންޑިއާ އިން ނުވަތަ ސްރީލަންކާ އިން ކަމަށް ގަބޫލުކުރެވޭ ފަދަ ހެކިތައް ވަނީ ފެނިފަ އެވެ.

"އެންމެ ފަހުން ހޯދި ހޯދުންތަކުން ވަނީ އިންޑިއާގެ ގަރްވާރް ނަމަކަށް ކިޔާ ކުންފުންޏެއްގެ ލޭބަލާ އެކު ދަލެއް ފެނިފައި، އެދަލުގެ ފޮޓޯއާއި އަނިޔާ ވެފައިވާ ވެލާތަކުގެ ފޮޓޯތައް އެކުންފުންޏަށް ވަނީ ފޮނުވާފައި، އެމީހުންގެ ޖަވާބެއްގެ އިންތިޒާރުގައި މިތިބީ، އަހަރެމެން ބޭނުން އެމީހުން ކޮންމެވެސް ވަރަކަށް ބިރުގަންނަވަން،" އޭނާ ވިދާޅުވެފައިވެ އެވެ.

ޒަހަމްވެފައިވާ ވެލާތަކަށް އެއަނިޔާ ލިބުނީ ކޮންމެ ބައެއްގެ ސަބަބުން ކަމަށް ވިޔަސް ލަނޑާގިރާވަރުގައި އެތަކެއްޗަށް ފަރުވާދެ އެވެ. އެރިޒޯޓްގައި އެކަމަށް ގާއިމްކޮށްފައިވާ ސެންޓަރުން މިހާތަނަށް ވަނީ 42 ވެލަޔަކަށް ފަރުވާދިނުމަށް ފަހު ދޫކޮށްފަ އެވެ.