02 Oct 2013, 13:26
އިންތިހާބާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ގައުމާ މުހާތަބު ކުރައްވައި މިއަދު ރައީސް ޖުމްހޫރިއްޔާ ވިދާޅުވީ އިންތިހާބާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި އެ ނިންމުން ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ސުޕްރީމް ކޯޓުގެ ނިންމެވުމެއް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނެރުއްވައި ދެއްވުމަކީ، މައްސަލަ ފިނިކުރުމަށް ޓަކައި އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ. އަދި ހަމައެހެން، ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ހަގީގީ ހެކިތަކެއް ހުރި ކަންތައްތައް ކަމަށްވާ ނަމަ، އެކަން ސާބިތުކުރެވުމަކީ، މި މައްސަލަ ހައްލުކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ މިވަގުތަކީ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއްނޫން ކަމަށެވެ. އަދި މިވަގުތަކީ ހަމަބުއްދި އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފާރަވެރިވާންވީ ވަގުތު ކަމަށާއި ސިޔާސީ އުންމީދުތަކަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންނާއި ސިފައިންނަށް ފުރަތަމަ މި ގައުމުގެ މަތީ މަސްލަހަތު އިސްކުރެއް ވުމަށް ގޮވާލައްވައިފަ އެވެ.
"މި ގައުމަކީ ވަކި މީހެއްގެ ނޫނީ ވަކި ބައެއްގެ ގައުމެއް ނޫން. މިއީ، އަޅުގަނޑުމެން އެންމެންގެ ގައުމު. ލިބޭ ކޮންމެ ގެއްލުމަކީ އެންމެންނަށް ލިބޭ ގެއްލުން. މިވަގުތު ހާއްސަކޮށް، މިކަމަށް ސަމާލުވުމަކީ، ގައުމުގެ މިނިވަންކަމާއި ސުލްހަ ދެމެހެއްޓުމަށް ޓަކައި އެންމެ މުހިންމު ކަންތައް،" ރައީސް ވިދާޅުވި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އިންތިހާބުވާ ރައީސަކާ ސަރުކާރު ހަވާލު ކުރުމަށް ޓަކައި މިއަދުގެ ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ދިވެހިންނަކީ މިއަށް ވުރެ އުނދަގޫ ކަންކަން މީގެ ކުރިން ސުލްހަވެރިކަމާ އެކު ނިންމާފައި ތިބި މީހުން ކަމަށެވެ. އަދި މިހާރު ހނގަމުންދާ ކަންކަން ހައްލުނުކުރެވި ދިގުދެމިގެން ހިނގައްޖެ ނަމަ އެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުން އުފެދި، ގައުމު ހާލުގައި ޖެހޭ ހިނދެއްގައި، އެކަމުން ސަލާމަތް ކުރުމަށް ބޭރުގެ އެހީއަށް ބޭނުންވާތީ. އަދި މިހާރު ވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ބޭރުގެ އެހީތެރިކަމަށް އެދެމުންދާތީ." ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް ބޭރު ގައުމުތަކުގެ ސިފައިން އެރުވުމަށް ނުވަތަ ރާއްޖޭގެ ވެރިކަމާ ތޮޅުމަށް ގޮވާލާ ފަރާތްތަކުގެ ގޮވާލުންތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ގޮވާލުމަކަށް ޖެހިލުމެއްނުވެ ރާއްޖޭގެ ވެރިކަމާ ކުޅެން ދިމާކުރާ ބޭރުގެ ފަރާތަކުން ރާއްޖެ ސަލާމަތް ކުރުމަށް ތިބީ ތައްޔާރަށް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.