ހޭނައްތާ އިންޖެކްޝަން ނެތިގެން އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް އޮޕަރޭޝަން ކުރަން މިއަދު ވެއްދި ބައެއް މީހުންގެ އޮޕަރޭޝަންތައް ކުރެވޭ ގޮތެއް ނުވި އެވެ.


މާލޭ ހެލްތު ސާވިސް ކޯޕަރޭޝްންގެ މެނޭޖިން ޑިރެކްޓަރު ޒުބައިރު މުހައްމަދު ވިދާޅުވީ އިންޖެކްޝަން ނެތިގެން މިއަދަށް ޝެޑިއުލް ކޮށްފައި ބައެއް އޮޕަރޭޝަން ކުރެވޭ ގޮތް ވެފައިނުވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ މިހާރު ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގެ ހުއްދައާކު އިންޖެކްޝަން ހޮސްޕިޓަލަށް ލިބުމުގެ މަގުމަތީގައިވާ ކަމަށެވެ.


ޒުބައިރު އަދި ވިދާޅުވީ އިންޖެކްޝަން ލިބުނު ކަމުގައި ވިޔަސް މިއަދު ކެންސަލް ކުރަން ޖެހުނު އޮޕަރޭޝަންތައް ދެން ކުރެވޭނީ އެ ފަރާތްތަކަށް، ކާން ދިނުމަށް ފަހު އަނެއްކާވެސް ނުކައި ތިބެންޖެހޭ  ވަގުތު ހަމަވުމުން ކަމަށެވެ.


ޒުބޭރު ވިދާޅުވީ އިންޖެކްޝަން ހުސް ވެގެން އޮޕަރޭޝަންތައް ހުއްޓުމަކަށް އައި ނަމަވެސް އިމެޖެންސީކޮށް ކުރަންޖެހޭ އޮޕަރޭޝަންތައް މިއަދު ވެސް ކުރިޔަށްދިޔަ ކަމަށެވެ.


މިއަދު ހެނދުނު 9:00 ޖެހި އިރު ރަހިމްގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވި ފުވައްމުލަކު ނޫރީފެހި ފާތުމަތު ދީދީ ބުނީ އޭނާގެ އޮޕަރޭޝަން އައިޖީއެމްއެޗްގައި ޝެޑިއުލްކޮށްފައި އޮތީ އިއްޔެ ކަމަށާއި ނަމަވެސް އިއްޔެ އެނދެއް ނެތިގެން ގެއަށް ފޮނުވާލުމަށްފަހު އަލުން ހޮސްޕިޓަލުގައި އެޑްމިޓްވާން ދިޔައީ ރޭ ކަމަށެވެ


"އަޅުގަނޑަށް ގުޅާފައި ބުނުމުން ރޭ ދިޔައީ. ރޭ ފަތިހު 5:30ގައި އަންގައިފި އޮޕަރޭޝަނަށް ތައްޔާރުވުމަށް. އަޅުގަނޑު ތައްޔާރުވެގެން 9:44 ގައި ތިއޭޓަރަށް ވެއްދީ،"
ފާތުމަތު ދީދީ ބުންޏެވެ.


އޭނާ ބުނީ އޮޕަރެޝަން ތިއޭޓަރަށް ވެއްދުމަށް ފަހު 30 މިނެޓް ފަހުން ޑޮކްޓަރު ވަޑައިގެން އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ވިދާޅުވި ކަމަށެވެ.


"ވިދާޅުވީ ވަރަށް ދެރައޭ ހޭނައްތާ އިންޖެކްޝަން ނެތިގެން އޮޕަރޭޝަން ކުރެވޭކަށް ނެތޭ. އަޅުގަނޑު ދެންނެވިން ހޭ ނުނައްތާ ނުކުރެވޭނެހޭ. ވިދާޅުވީ އާނއެކޭ ނުކުރެވޭނޭ އެއީ މައިބަދައަށް ޖަހަންޖެހޭ އިންޖެކްޝަނެކޭ،" ފާތުމަތު ދީދީ ބުންޏެވެ.


އޭނާ އަދި ބުނީ އިންޖެކްޝަން ނެތިހެން އޮޕަރޭޝަން ނުކޮށް ތިއޭޓަރުން އޭނާ ނެރުނު އިރު އިތުރު އެހެން ހަތަރު މީހަކު ވެސް އިންޖެކްޝަން ނެތިގެން އޮޕަރޭޝަން ނުކުރެވިގެން ނެރުނު ކަމަށެވެ.


މިދިޔަ ހަފުތާގައި ލޭ އެޅުމަށް ކްރޮސްމެޗް ހަދަން އައިޖީއެމްޗްގައި ބޭނުން ކުރާ ޓެސްޓް ކިޓްތަކުގެ މުއްދަތު ހަމަވެގެން ކްރޮސް މެޗް ހެދުން ވެސް ހުއްޓައިލަން ޖެހުނެވެ.