02 Oct 2013, 13:08
ބާޒާރުގައި ކަރައާއި މިރުހާއި ކިޔުކަމްބާ ފަދަ ތަކެތީގެ އަގު ދަށަށް ގޮސްފައިވާއިރު ފާގައިގެ އަގު މިއިން ދުވަހަކު ވެސް ނުދާ ވަރަށް މައްޗަށް ގޮސްފި އެވެ.
މާލޭ ލޯކަލް މާރުކޭޓުގައި މީގެ ހަފްތާއެއް ކުރިން 40 ކިލޯ ވިއްކަމުން ގެންދިޔަ ކަރާ މިހާރު 20ރ އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެ އެވެ. ހަފްތާއެއް ކުރިން 35ރ. އަށް ކިލޯ ލިބެން ހުރި ކިޔުކަމްބާގެ އަގު މިހާރު ހުރީ 25ރ އަށް ތިރިވެފަ އެވެ.
ކޮޅުމަޑުލާއި ހައްދުންމަތިން ގިނަ އަދަދަކަށް މާލެ ގެންނަ ގިތެޔޮމިރުހުގެ ބާވަތްތައް ވެސް މިހަފްތާގައި އަގު ރަނގަޅެވެ. ކުރިން 50ރ. އަށް "ރަހަ މީރު ކުޅި ގަދަ" މިރުސް ކިލޯއެއް ލިބެން ހުރި އިރު މިހާރު 30ރ. އާއި 40ރ. އާ ދެމެދުގައި މިރުސް ގަންނަން ލިބެ އެވެ.
ބާޒާރުގައި ދޮންކެޔޮގެ އަގު މެދު މިނެއްގައި ހިފެހެއްޓިފައިވާއިރު ފުސްކެޔޮ 10ރ. އަށް ތިން ވައް، މާޅޮސް ކެޔޮ 10ރ އަށް ތިންވައް އަދި ބޮންތި ރަތްކެޔޮ 10ރ. އަށް ހަވައް ލިބެ އެވެ.
ބާޒާރުގައި މިދުވަސްވަރު ފާހަގަ ކުރެވޭ ވަރަށް އަގު އުފުލިފައިވާ އެއް ބާވަތަކީ ފާގަ އެވެ. އާންމުކޮށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެގެން ދަނީ "ޑިމާންޑާ އެއްވަރަށް ސަޕްލައި" ނުލިބުމުގެ ސަބަބުން ކަމަށްވާއިރު އާންމުކޮށް މީހުން ބޭނުން ނުކުރާ ބާވަތެއް ނަމަވެސް ފާގައިގެ އަގު ކިލޯއެއް 40ރ އިން 65ރ އަށް ވަނީ އުފުލިފަ އެވެ.
މާރުކޭޓުގެ ގޮޅިއެއްގައި އިން ދަނޑުވެރިއެއް ކައިރިން ފާގައިގެ އަގު މިދުވަސްވަރު މައްޗަށް ގޮސްފައިވަނީ ކީއްވެތޯ ސުވާލުކޮށްލުމުން ހިނިގަނޑެއް ޖަހާލާފައި "ވެދާނެ ފަހަރެއްގަ މި ދުވަސްވަރުގެ ގޮތުން މީހުން ތަންކޮޅެއް ގިނައިން ފާގަ ބޭނުން ވަނީ ކަމަށް،" ބުންޏެވެ.
މާރުކޭޓުގައި ދަނޑި އަލުވީގެ އަގުވެސް މިހަފްތާގައި ވަނީ އުފުލިފަ އެވެ. އެގޮތުން ކުރިން 15ރ. އަށް ދަނޑި އަލުވި ކިލޯއެއް ލިބެން ހުރިއިރު މިހާރު ކިލޯއެއްގެ އަގު ވަނީ 25ރ. އަށް އުފުލިފަ އެވެ. އަދި ކުރިން 40ރ. އަށް ވިއްކި ބަށި މިހާރު ކިލޯއެއް ލިބެނީ 45ރ. އަށް ކިލޯއެކެވެ.
މާރުކޭޓުން އެންމެ ގިނައަދަކަށް ވިކެމުންދާ މޭވާގެ އެއް ބާވަތް ކަމަށްވާ ފަޅޮލުގެ އަގުވެސް މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މިހަފްތާގައި ވަނީ އުފުލިފަ އެވެ. ކުރިން 5ރ. އަދި 6ރ. އަށް ވިއްކި ފަޅޯ ކިލޯއެއް މިހާރު ލިބެނީ 8ރ. އާއި 10ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މާރުކޭޓުގައި ކާށީގެ އަގުތައް ހުރީ، ކުޑައިން ބޮޑަށް 2ރ. އާއި 3ރ. އާއި 5ރ. އާއި 7ރ. 10ރ. އަދި 12ރ. އަށެވެ.