ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްފައި އެއްބައިވަންތަކަން ނަގާލައި ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުލިބޭ ފަދަ ގޮތަށް ބައެއް ޓީވީ ޗެނަލްތަކުންނާއި ބައެއް މީޑިއާތަކުން މަސައްކަތް ކުރަމުން ގެންދޭތޯ ބެލުމުގެ މައްސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލުން ފަށައިފި އެވެ.

އެކައުންސިލުން މި މަސައްކަތް ފަށާފައި މިވަނީ ބައެއް މީޑިއާތަކުންނާއި ބައެއް ޓީވީ ޗެނަލްތަކުންނާއި ބައެއް މީޑިއާތަކުން ސިފައިންގެ ތެރޭގައި ފިތުނަ އުފައްދައި އެއްބައިވަންތަކަން ނަގާލައި ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު މިއަދު ވިދާޅުވީ އެ މައްސަލައަކީ މީޑިއާ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖޭގެ ޓީވީ، ރޭޑިއޯ އަދި އޮންލައިންތަކުގައި ލިޔެވޭ ނުވަތަ އޮން އެއާ ކުރެވޭ އެއްޗެއްސަކީ ރާއްޖޭގެ ހެދިފައި ހުރި ގާނޫނުތަކާއި ގާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަމުގެ ބާރު ލިބިދީފައިވާ 27 ،28 އަދި 29 އެ ތިން މާއްދާ ފުށުއެރުންތަކެއް ހުރިއެއްޗެއްތޯ ބެލުމަކީ ވެސް އެކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ބައެއް މީޑިއާތަކުން އެފަދަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ތުހުމަތުކޮށްފައިވާ އިރު އެފަދަ ކަމެއް ރާއްޖޭގެ މީޑިއާއަކުން ކޮށްފައި އޮއްތޯ ބެލުމަކީ މި ކައުންސިލްގެ ޒިންމާއެއް،" ހުޝާމް ވިދާޅުވި އެވެ.

ހުޝާމް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް އެކައުންސިލްގެ ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. އެގޮތުން އެކޮމިޓީގައި ހިމެނިވަޑައިގެންނަވާ ފަސް މެމްބަރުންނަކީ އަހުމަދު ޒާހިރު (ހިރިގާ ޒާހިރު) އާއި އިބްރާހިމް ހަލީލް އާއި އިސްމާއިލް ނަސީރު އާއި މުހައްމަދު އަބްދުﷲ ޝަފީގުގެ އިތުރުން އަހުމަދު އަފްޒަލް އެވެ.