02 Oct 2013, 12:56
ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފަށަން ނިންމައިފި އެވެ.
ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގައި އަންނަ އަހަރު ބާއްވާ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން އެފްއޭއެމްއިން މިހާރު ނިންމާފައި ވަނީ މިހާރު ޓީމަށް އިރުޝާދު ދެމުންއަންނަ ކޯޗް ހަންގޭރޫގެ އިސްތަވާން އުރުބާނީ ފޮނުވާލުމަށްފަހު އާކޯޗެއް ހޯދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ކަމަށެވެ.
"މިހާރު ވާހަކަތައް ދެކެވެމުން ދަނީ އާކޯޗެއް ޓީމަށް ހޯދުމަށް. ހީވަނީ މިމަހުގެ ތެރޭގައި އެމަސައްކަތް އެފްއޭއެމްއިން ކުރާނެ ކަމަށް." އޮފިޝަލް ވިދާޅުވިއެވެ.
މިހަބަރާ ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމް އަލީ ސުޒޭންއަށް ސަން އިން ގުޅާ ލުމުން އެބޭފުޅާގެ ފޯނު ނިއްވާލާފައި އޮތުމުން މިކަމާބެހޭ އިތުރު މައުލޫމާތު ވަނީ އަދި ސާފްވާގޮތް ނުވެފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދިން އުރުބާނީއާ ގައުމީ ޓީމްގެ ކޯޗުކަން ދެ ވަނަ ފަހަރަށް ހަވާލުކުރީ ނިމިދިޔަ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭރު އޮތް އެފްއޭއެމްގެ އެސްކޯއިން ނެވެ.
އައު ކޯޗެއް ހޯދުމުގެ މަސައްކަތް ރަސްމީކޮށް އެފްއޭއެމުން އަދި ކޮށްފައި ނުވި ނަމަވެސް ގައުމީ ޓީމާ އުރުބާނީ ހަވާލުވި ފަހުން އެންމެ އެދެވޭ ކާމިޔާބީއެއް ޓީމަށް ހޯދާ ދީފައި ނުވާތީ ގިނަ ބަޔަކު މިހާރު އަންނަނީ އުރުބާނީއަށާއި އެފްއޭއެމްއަށް ފާޑު ކިޔަމުންނެވެ.
އުރުބާނީގެ އިރުޝާދުގެ ދަށުން ދިވެހި ޓީމަށް ކާމިޔާބިއެއް ލިބިފައި ނުވާއިރު، 2011 ވަނައަހަރު އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ މުބާރާތުން ކެޓިއިރު، މިމަހުގެ 11 ވަނަ ދުވަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ނިމިގެން ދިޔަ ސާފްޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހަމަ އިންޑިއާއަތުން 1-0 ލަނޑުން ބަލިވެ ރާއްޖެ ވަނީ ކަޓާފަ އެވެ.