ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ރޭ ސެލްޓިކް އަތުން 1-0 ލަނޑުން ބާސެލޯނާ ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ސްލެޓިކް ކޮޅަށް ބާސާއިން ލަނޑު ޖަހާފައި ވަނީ މެޗުގެ ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި ސެސް ފްބްރިގާސް އެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގެ 59 ވަނަ މިނެޓުގައި ސެލްޓިކްގެ ސްކޮޓް ބްރައުންއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފަ އެވެ. އޭނާއަށް ރެފްރީ ރަތްކާޑު ދެއްކީ ބާސާގެ ފޯވާޑް ނޭމާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ރޭގެ މެޗަށް ފަހު ބާސާގެ ކޯޗް ޖެރާޑޯ މާޓިނޯ ބުނީ، މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފުނު ނަމަ ނަތީޖާ މިއަށް ވުރެ ރަނގަޅު ވިސް ކަމަށާއި މިއީ މިސީޒަންގައި ބާސާއަށް އެންމެ އުދަގޫވި އެއް މެޗުކަމަށެވެ. އަދި އަނިޔާގެ ސަބަބުން ޓީމުގެ ހުނަރުވެރި ފޯވާޑް މެސީ ނެތް ތަން ރޭގެ މެޗުގައި ބާސާއާށް ދެއްކި ކަމަށް ވެސް ކޯޗް ޖެރާޑޯ ބުންޏެވެ.

ރޭގެ މެޗުން ބާސާ މޮޅުވުމުން ގްރޫޕްގައި އެޓީމް އޮތީ ހަ ޕޮއިންޓާއެކު އެއް ވަނަ މަގާމްގަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު މިލާން އޮތްއިރު ތިން ވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ އަޔަކްސް އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސެލްޓިކް އެވެ.

މީގެއިތުރުން މިގްރޫޕްގައި ރޭ އޭސީ މިލާނާއި އަޔަކްސް ބައްދަލުކުރި މެޗް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެން ނެވެ.