މިސީޒަންގައި ރެއާލް މެޑްރިޑްން އާސެނަލްއަށް ގެނައި ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު 2-0 އިން ނަޕޯލީ އަތުން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ މެޗުގައި އާސެނަލް ކާމިޔާބު ކުރި ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ އަށް ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ 42 މިލިޔަން ޕައުންޑުގެ އޮޒިލް އެވެ. ނަޕޯލީގެ އޭރިޔާ ތެރެއަށް އާރޮން ރަމްސީ ނަގައިދިން ރީތި ހުރަހެއްނަޕޯލީގެ ގޯލް ތެރެއަށް އޮޒިލް ފޮނުވާލީ އެހާމެ ހިތްގައިމު ކޮށެވެ.

އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުން އޮލިވިއާ ގިރޫޑް އެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފުގައި އާސެނަލް ވަރުގަދަކޮށް ފެނިގެން ދިޔަ ނަމަވެސް ފަހުހާފުގައި ނަޕޯލީއިން ވަނީ އާސެނަލްގެ ގޯލަށް ވެސް ނުރަށްކާ ކޮށްފަ އެވެ. އެހެން ނަމަވެސް ނަތީޖާއަށް ބަދަލު ގެނެވޭ ގޮތެއް ނުވި އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާސީން ވެންގާ ވަނީ އޮޒިލްއަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާހަކަ ދައްކާފަ އެވެ. އެގޮތު ވެންގާ ބުނީ އެ ޓީމަށް ލިބުނު ބޮޑު ނަސީބެއް ކަމަށެވެ.

"އޭނާ ވަނީ ފުރަތަމަ ހާފްގައި ވަރަށް ރަނގަޅަށް ކުޅެފައި. އޭނާގެ ކިބައިގައި އަމިއްލައަށް ކުޅޭނޭ ހުނަރު އެބަހުރި. ޓީމާ އެކީ ކުޅޭނޭ ހުނަރުވެސް އެބަހުރި. އަދި ނިންމުން އެހާ މޮޅު،" އޮޒިލްއާ ބެހޭ ގޮތުން ވެންގާ ބުންޏެވެ. "އޭނާ ރެއާލްއަށް ކުޅުނު އިރުވެސް އަހަރެން ވަރަށް ގަޔާވޭ. އަދި މިހާރު ހިތަށް އަރާ އޭނާ މި ކްލަބަށް ގެނެވުމަކީ އަހަރެމެންގެ ނަސީބޭ."
ވެންގާ އިތުރަށް ބުނީ އޮޒިލް އެ ޓީމާ ގުޅުނު ފަހުން ކްލަބްގެ ރޫހު އާރޯކޮށް ދީފި ކަމަށާއި އަދި އެއީ ކާމިޔާބުގެ އަސްލަށް ވެގެން ދާނޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި 2010 ވަނަ އަހަރުގެ އޯގަސްޓް އިން ފެށިގެން ލަނޑު ޖެހުމަށް އެންމެ ގިނަ "އެސިސްޓް" ހަދާފައިވާ ކުޅުންތެރިއަ ކީވެސް އޮޒިލް އެވެ. އޭނާ ވަނީ މިހާތަނަށް 15 އެސިސްޓް ހަދާފަ އެވެ. މި މުއްދަތުގެ ތެރޭގައި އެހާ ވަރަށް އެހެން ކުޅުންތެރިއަކު އެސިސްޓް ކޮށްފަ އެއް ނުވެ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު އާސެނަލް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ނަޕޯލީ އޮތީ ތިން ޕޮއިންޓާ އެކު އެވެ. ނަޕޯލީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ތިން ވަނަ ލިބެނީ ބޮރޫޝާ ޑޯޓްމަންޑް އަށެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ މާސޭ އެވެ.