02 Oct 2013, 12:13
ސަރުކާރުގެ ދަރަނި ފޫބައްދަން މިދިޔަ އޮގަސްޓް މަހު ޓީބިލް ވިއްކި އަދަދު 23 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މަހަކު އެއް ފަހަރު ނެރޭ އިގްތިސޯދީ ރިވިއުގެ އޮގަސްޓް މަހުގެ އަދަދުގައި ބުނެފައި ވަނީ އޮގަސްޓް މަހު ޓީބިލް ވިއްކި އަދަދު މަދުވި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު އެއަދަދު މައްޗަށް ގޮސްފައިވާ ކަމަށެވެ.
ޓީ ބިލަކީ އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ވިއްކާ ދަރަންޏެވެ. އެ ދަރަނި ވިއްކުމަށްފަހު ލިބޭ ފައިސާއިން މައިގަނޑު ގޮތެއްގައި ހަރަދުކުރަނީ، ދައުލަތަށް މަހުން ލިބޭ އާމްދަނީން ހަރަދުތައް ފޫނުބެއްދޭ ކަންތައްތަކަށެވެ.
އެމްއެމްއޭ އިން ބުނީ މަހުން މަހަށް ބަލާއިރު ޓީބިލް ވިއްކި އަދަދު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ 28 އަދި 182 ދުވަހަށް ވިއްކާފައިވާ އަދަދު ދަށަށް ދިއުމުން ކަމަށެވެ. އެކަމަކު އަހަރުން އަހަރަށް ބަލާއިރު 91 އަދި 182 ދުވަހަށް ވިއްކާފައިވާ ޓީ ބިލްގެ އަދަދު ދަށްވެފައިވީ ނަމަވެސް 28 އަދި 364 ދުވަހަށް ވިއްކާފައިވާ ޓީ ބިލް އެއަށް ވުރެ ބޮޑަށް އިތުރުވެފައިވުމުން ޖުމްލަ ޓީ ބިލް ވިއްކި އަދަދު އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވިއްކާފައި ވަނީ 4.2 ބިލިއަން ރުފިޔާގެ ޓީ ބިލެވެ. ނަމަވެސް މިދިޔަ ޖުލައި މަހު ވިއްކާފައި ވަނީ 5.5 ބިލިއަން ރުފިޔާގެ ޓީ ބިލް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު ވިއްކި ޓީ ބިލްގެ އަދަދު ވަނީ 23 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ވިއްކި ޓީ ބިލްގެ އަދަދު ވަނީ 55 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 1.5 ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ޓީ ބިލްގެ ފައިސާގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އަނބުރާ ދައްކާފައިވެ އެވެ. ނަމަވެސް އެ މަސް ނިމުނުއިރު އަދި ނުދެއްކި 8.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.