ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގެ ތުހުމަތުގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ ހަތަރު މީހުންނަކީ ހ.ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި ހަމައެގޭ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި)ގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އަޒްލީފް މިހާރު ވެސް ހުރީ ފުލުހުން ބަލަމުންދާ އެހެން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުގަ އެވެ. ނަމަވެސް މި މީހުންގެ މައްޗަށް އެ މައްސަލާގައި ތުހުމަތު ކުރަނީ ކޮން ކަމެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލާގައި ދައުވާ ކުރުމަށް މިހާރު ފޮނުވާފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ސޮލާހު އަބްދުﷲ (ސްޕައި) އަކީ އަފްރާޝީމް "ދުއްވާލަން" ޖެހޭ ކަމަށާއި އެކަން ކުރުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަޒްލީފް ބުނިއިރު އަޒްލީފް އާ އެކު ހުރި މީހެއް ކަމަށް ޝަރީއަތުގެ މަޖިލީހަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ދިން އިއުތިރާފުގެ ބަޔާނުގައި އިޝާރާތް ކުރާ މީހާ އެވެ. އަނެއް ތިން މީހުން ވެސް އެކަމުގައި ބައިވެރިވި ކަމަށް ހުމާމް ޝަރީއަތަށް ފުރަތަމަ ދިން އިއުތުރާފް ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އަފްރާޝީމް މަރުގެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެ ހަތަރު މީހުންނާ އެކު ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ މިހާރު ވަނީ ޝަރީއަތުގެ މަރުހަލާއާ ހަމައިގަ އެވެ.

ހ. ފުންވިލުގޭ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުކޮށްފައިވާ ދެ މީހުންނަކީ ހުމާމާއި ހ. ހިކޯސްޓް އަލީ ޝާނެވެ. އެ މައްސަލާގައި ޝާން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ހުމާމް ދައުވާއަށް އިންކާރުކުރީ އަފްރާޝީމްގެ މަރާލި ކަމަށް ޝަރީއަތުގައި އިއުތިރާފްވުމަށްފަހު އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހިމެނޭ އިރު އެ ކުއްޖާގެ މައްޗަށް ފުލުހުންގެ ތަހުގީގަށް ދޮގު ހެކިދިން ކަމުގެ ކުށް ސާބިތުވެގެން އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ދަނީ ތަންފީޒު ކުރަމުންނެވެ.