02 Oct 2013, 11:36
މީޓަރެއްގެ ދިގުމިން ހުންނަ ފަސް ކިލޯގެ ބޮޑު މީދަލެއް ޗައިނާގެ ދަނޑުވެރިން ހިފައިފި އެވެ.
ޗައިނާގެ ނޫހަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލް އިން ބުނީ މިމީދާ އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ހުނާން ޕްރޮވިންސްގެ ޝައޮޔަގަންގުގެ ދަނޑުވެރިންނަށް ކަމަށެވެ.
މިމީދާ ފުރަތަމަ ފެނިފައި ވަނީ ކޯރެއްގެ ތެރެއަށް އެރި، ކޯރުން ބޮޑު މަހެއް ހިފައިގެން އެއްގަމަށް އައިސް އެ މަސް އެއްކޮށް ކާލިތަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީދަލާ މެދު ބިރުވެރިކަން ޝައޮޔަގަންގުގައި އުފެދުމުން އެއަވަށުގެ ދަނޑުވެރިން މީދާ ހިފުމަށް ކުރި މަސައްކަތުގެ ތެރެއިން މީދާ ހިފުނީ އޭތި މަރާލުމަށްފަހުގައި ކަމަށް ޑެއިލީމެއިލް އިން ބުނެ އެވެ.
މީދާ ހިފުމަށް ފަހު، މީދާ ކައްކައިގެން ޝައޮޔަގަންގު އަވަށުގެ މީހުން އޭތި ކާލާފައިވާ އިރު، މީދާގެ މަސް ކެނޑުމުގެ ތެރޭގައި ދެ ވަޅި ހަލާކުވި ކަމަށްވެސް ޗައިނާގެ ނޫހުން ބުނެ އެވެ.
ޗައިނާގެ ދެކުނުގެ ހިސާބުތަކުގައި މީދަލުގެ މަހަކީ އާއްމުކޮށް ކައި އުޅޭ އެއްޗެކެވެ. ކައްކައިގެން، ސޫޕް ހަދައިގެން އަދި ބާބެކިޔުކޮށްގެން ވެސް މީދާ މަސް ކައި އުޅެ އެވެ.