02 Oct 2013, 11:30
ވޭތުވެ ދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށް ވުރެ އިތުރަށް، 1.6 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ވަނީ 6.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ދައުލަތުން ވަނީ އެ މަހުގެ ނިޔަލަށް 7.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެހެންކަމުން ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ދައުލަތުން ވަނީ 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ އާމްދަނީ އިތުރުވެފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އާއި އިމްޕޯޓް ޑިއުޓީންނެވެ.
މި އަހަރު ފާސްކޮށްފައިވާ ބަޖެޓުން ދައުލަތަށް މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 12.6 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގްގެ ގޮތުގައި ލަފާކޮށްފައި ވަނީ 13.9 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރު ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ އުފެއްދުން ތެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ޓޫރިޒަމް އާއި މަސްވެރިކަން ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަށް ވުރެ ބޮޑަށް ކުރިއަރާފަ އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް 92,605 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު އެއީ 2012 ވަނަ އަހަރާ އަޅާބަލާ އިރު 17 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ރޭތަކުގެ އަދަދަށް ބަލާ އިރު ޖުލައި މަހުގެ ނިޔަލަށް ވަނީ 305،015 ރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފަ އެވެ. އެއީ ވެސް މިދިޔަ އަހަރާ އަޅާބަލާ އިރު 17 ޕަސެންޓްގެ ކުރިއެރުމެކެވެ.
މަސްވެރިކަމުގެ ދާއިރާ އަށް ބަލާއިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 31808 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 38 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މަސް އެކްސްޕޯޓްކޮށްގެން މިދިޔަ އަހަރު އޭޕްރީލް މަހުގެ ނިޔަލަށް 108,115.9 ޑޮލަރު ލިބިފައިވާއިރު އެއީ 17 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ވަނީ، 2012 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ބޮޑުވެފަ އެވެ. އެގޮތުން ޓްރޭޑް ޑެފެސިޓް ބޮޑުވުމަށް މެދުވެރިވި ސަބަބަކީ އެކްސްޕޯޓް އިތުރުވެފައިވީ ނަމަވެސް އެއަށް ވުރެ ބޮޑަށް އިމްޕޯޓް ކޮށްފައިވާތީ އެވެ.
އޭޕްރީލް މަހުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މަހުން މަހަށް ބަލާއިރު ދަށްވެ އަދި އަހަރުން އަހަރަށް ބަލާއިރު ދަށަށް ގޮސްފަ އެވެ.