25 Nov 2010, 09:20
މާލޭ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓް ކުރުމުގެ ލައިސަންސް ޖީއެމްއާރު، މާލޭ އިންޓަނޭޝަނަލް ޕުރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް ޖީއެމްއާރު ކުންފުންޏާ ހަވާލު ކޮށްދެއްވީ މާލޭ އެއާޕޯޓްސް ކޮންޕެނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމެވެ. ޖީއެމް އާރު ކުންފުނީގެ ފަރާތުން އެ ހުއްދަ އާ ހަވާލުވީ ބިޒްނަސް ޗެއާމަން ކިރަން ކުމާރު ގާންދީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖީއެމްއާރު ކުންފުނީގެ ސީއީއޯ އެންޑްރޫ އެ ރިޝަން ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް މުޅިން އައު ހިދުމަތްތަކަކާ އެކު ތަރައްގީކުރެވޭނެ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް އެއާޕޯޓުން ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެން ދާނެ ކަމަށެވެ.
"މީހުން ނިކުންނަ ޓާމިނަލް އިތުރަށް ޒީނަތްތެރިކުރެވި، ފަރުމާ ބަދަލު ކުރެވޭނެ، ގުދުރަތުގެ ރީތިކަން ދައްކުވައިދޭ ގޮތަކަށް. އެއީ ދިވެހިންގެ ރިސޯޓުތަކާއި ރަށްތަކަކީ ގުދުރަތީ ރީތި މަންޒިލްތަކެއް. އިތުރު ސްކުރީނިންގް މެޝިންތައް ބެހެއްޓޭނެ. އޭރުން ކިޔު ޖެހުން ކުޑަވެގެން ދާނެ. އޭރުން ހިދުމަތް އަވަސްވާނެ. އަދި ފުރާޅުތައް ފަރުމާކުރެވިގެން ދާނީ ފިލަޔާއި ބިއްލޫރިން. އޭރުން ގުދުރަތީ އަލި އަދި ވައި ލިބިގެން ދާނެ. އަދި އެއާޓެކްސީގެ ހިދުމަތަކަށް މުޅިން އައު ޓާމިނަލްއެއް ގާއިމް ކުރެވޭނެ. އަދި ކުދި ބޯޓްތަކާއި ބޮޑަތި ބޯޓުތައް ޖެއްސުމަށް ވަކި ރަންވޭތަކެއް ގާއިމް ކުރެވޭނެ. އޭރުން ގިނަ ބޯޓްތަކަށް އެއްފަހަރާ އެއާ ޕޯޓް ބޭނުން ކުރެވޭނެ،" އެންޑް ރޫ ވިދާޅުވި އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށިކަމުން ރާއްޖޭގެ އިގްތިސޯދު ގުޅިފައި ވަނީ އެއާޕޯޓް ތަރައްގީވެ ފުޅާވުމުގެ މައްޗައް ކަމަށާއި އެއާޕޯޓް ތަރައްގީވެ ފުޅާވުމުން ރާއްޖެ އަށް އެތައް ގޮތަކުން ކުރިއެރުން ލިބިގެން އަންނާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދަށް ހެޔޮބަދަލެއް އަންނަން ބޭނުން ކަމުގައިވާ ނަމަ ރާއްޖޭގެ މައިދޮރުއާށި.. މިހާރު މިހިރަ ފެންވަރުން އެހެން ފެންވަރަކަށް ބަދަލު ވާން އެބަޖެހޭ. އަޅުގަނޑަށް މިހާރު ޙިވަނީ މިއީ ބާލިދީ އިންޓަނޭޝަނަލް އެއާޕޯޓްހެން. ވިއްސާރަ ވެހިއްޖެ ނަމަ މި އެއާޕޯޓުގެ ހާލަތު ބަދަލުވާ މިންވަރު އަޅުގަނޑުމެނަށް އިނގޭނެ. ރާއްޖޭގެ ތަރައްގީގެ ބޮޑުބައެއް ހިއްސާ މިކުރަނީ ފަތުރު ވެރިކަމުން. އެކަން މިހެން އޮތް އިރު ރާއްޖޭގެ ވައިގެ ބަނދަރު ދުނިޔޭގެ އެހެން ގައުމުތަކާ އެއްފެންވަރަށް ނުހެދި ހުރުމުން ރާއްޖޭގެ އިގްތިސޯދަށް އަންނަ ނުހަމަ ކަން އެތައް ތަނެއް އިތުރު ވެގެން ދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކޮނަމިކް މިނިސްޓަރު މަހްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި ޖީއެމްއާރާއި އެ އެއާޕޯޓް ހަވާލުކުރަނީ ދިވެހިނަށްޓަކައި ކަމަށާއި އަދި މިއީ ފެށުން ކަމަށެވެ.
" މިއަދަކީ މާލޭ އިންޓަނޭޝަނަލް އެއާޕޮޓްގެ ތާރީހުގައި ހުޅުވިގެން ދިޔަ މުޅިން އައު ސޮފްހާއެއް. މިއީ ގައުމުގެ ފަހުރެއް. މިފަހުރު އަބަދަށްޓަކައި ދެމި އޮންނާނެ. އެހެންވެ މި ސަރުކާރުން މިތަން ޕުރައިވެޓް ސެކްޓާ އާ ހަވާލުމިކުރީ. މިއީ ދިވެހިންނަށްޓަކައި ކުރިކަމެއް،" މަހުމޫދު ރާޒީ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނަރުގެ އިތުރުން ޖީއެމް އާރު ކުންފުނީގެ ބިޒްނަސް ޗެއާމަން އާއި މެލޭޝިއާ އެއާޕޯޓްސް ހޯލްޑިން ބަރުހާދު (އެމްއޭއެޖްބީ) ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް ޕުރައިވެޓް ލިމިޓެޑުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ފަށާފައި ވަނީ ރޭ ދަންވަރު 12:00 އިން ފެށިގެން ކަމަށެވެ.