ފުލުހުންގެ އިންޓަލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީހަމީދު) ކުރިން ހުރި ވަޒީފާ އަށް އަނބުރާ ރުޒޫއަ ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ފުލުހުން ނިންމައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށާއި ފުލުހުންގެ ވަޒީފާ އިން ވަކިކުރާ މީހަކަށް، ހައި ކޯޓުގެ މަރުހަލާ ނިމި އަދި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަޒީފާ ނުދިނުމަށް ފުލުހުންގެ އިދާރާ އިން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ޗީފް އިންސްޕެކްޓަރެއްގެ މަގާމުގައި ހުއްޓާ ފުލުހުންގެ ވަޒީފާ އިން ވަކިކުރި މިރުފަތު ފާއިޒަށް ވަޒީފާދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް ވަނީ އިސްތިއުނާފްކޮށްފި އެވެ. އަދި ޗީފް އިންޕެކްޓާ އޮފް ޕޮލިސް އަހުމަދު ރިޝީފް ތޯހާގެ މައްސަލަ ވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ވަޒީފާ އަނބުރާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ހަމީދުގެ ކޮށްފައިވާ ދައުވާ އާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ހަމީދުގެ މައްޗަށް ކޮށްފައި ވަނީ ޖިނާއީ ދައުވާއެއް ކަމުގައިވާ އިރު ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން އޭނާ ވަޒީފާ އިން ވަކިކުރުމަކީ، ކުރިން ސުޕްރީމް ކޯޓުގެ ކަނޑައަޅާފައިވާ ގޮތަށް، އެއް ކުށަކަށް ދެ ފަހަރު އަދަބުދިނުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ކަނޑައަޅައިގެން ކަމުގައިވާތީ އޭނާ ވަޒީފާ އިން ވަކިކުރުމަށް ނިންމި ނިންމުން ބާތިލު ކުރުމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނެފައި ވަނީ 07 އޮގަސްޓް 2012 އިން ފެށިގެން މުހައްމަދު ހަމީދު ވަޒީފާ އިން ވަކިވެވަފައިވާ ކަމަށް ނުބެލުމަށާއި މިދިޔަ ހޯމަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އޭނާ އަށް ވަޒީފާ ދިނުމަށް ވެސް ހުކުމުގައިވެ އެވެ. އަދި ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދިނުމާ ހަމައަށް ހަމީދަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި އޭނާ އަށް ދިނުމަށް ވެސް ހުކުމުގައިވެ އެވެ.

އެމްސީ ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެމްޑީޕީން ނެރުނު ފޮތަކަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެމްސީ ހަމީދު އެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށެވެ.