ޤާހިރާ (ސެޕްޓެމްބަރ 2) : މިސްރަށް ދާޚިލީ ހަމަޖެހުމާއި ސުލްޙަ ބޭނުންވާކަމަށާ ދާޚިލީ ސުލްހަނެތުމަކީ މިސްރުގެ އިޤްތިސާދު ވީރާނާވެ ގައުމު ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ސީސީ ވިދާޅުވީ ގައުމަށް ހަމަޖެހުމާއި ސުލްޙަ ގެނެވެން އޮތީ މިހާރު ކުރިޔަށްދާ އިންތިގާލީ މަރްޙަލާ ނިމުމަކަށް ގެނަސްގެން ކަމަށާ އިންތިޤާލީ މަރުހަލާގެ މަގުޗާޓާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް ވެސް ޖެނެރަލް ސީސީ ވިދާޅުވި އެވެ. މިސްރުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުރުސީ މަގާމުން ދުރުކުރުމުގައި އިސްކޮށް ހުންނެވި ޖެނެރަލް ސީސީއަކީ މިސްރުގެ ހަޤީޤީ ވެރިޔާ ކަމާއި މުރުސީ މަގާމުން ދުރުކުރުމަށް ގެނައި އަސްކަރީ އިންގިލާބަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރަކީ ސީސީގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރުކާރެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ޖެނެރަލް ސީސީ ވިދާޅުވީ މިސްރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާ އެމައްސަލަތަކުން ސަލާމަތްވެވޭނީ އިންތިޤާލީ މަރްޙަލާގެ މަގުޗާޓްގައި ތަންފީޒުކުރަންޖެހޭ ކަންތައްތައް ތަންފީޒުކޮށްނިމުމުން ކަމުގައެވެ. ޖެނެރަލް ސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ ޖުލައިމަހު މިސްރަށް ގެނައި ޢަސްކަރީ އިންޤިލާބާ ދެކޮޅުހެދުމުގެގޮތުން މިސްރުގެ ކަންކޮޅުތަކުގައި މިހާރުވެސް މުޒަހަރާތަކާއި އިޙްތިޖާޖްތައްދަނީ ކުރިއަށެވެ.

މިސްރަށް ގެނަސްފައިވަނީ އަސްކަރީ އިންޤިލާބެއް ކަމަށްވިޔަސްއެކަމާގުޅިގެން މިސްރާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ޑިމޮކްރަސީ ޙިމާޔަތްކުރާ ކަމަށް ދައުވާކުރާ ހުޅަނގުގެ ގައުމުތަކުން ސަމާލުކަން ދީފައެއްނުވެއެވެ. އެމެރިކާވަނީ މިސްރަށް ގެނައީ އަސްކަރީ އިންޤިލާބެއްކަން ސާފުނުވާ ކަމަށްބުނެ މިކަން ސާފުކުރުމަކީ އެމެރިކާގެ މަސްލަހަތު ތަންދޭކަމެއް ނޫންކަމަށް ސިފަކޮށްފައެވެ. މިސްރުގެ ޑިމޮކްރަސީ ޙިމާޔަތް ނުކޮށް އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތަކުން އަތްއުރާލައިގެން ތިބުމުގެ ސަބަބެއް ކަމަށް ބެލެވިފައިވަނީ މަޤާމުން ދުރުކުރެވުނު މިސްރުގެ އިންތިޚާބީ ރައީސް މުޙައްމަދު މުރުސީއަކީ އިސްލާމީ ޚިޔާލުގެ ބޭފުޅަކަށްވެފައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަކީ އިސްލާމީ ޝަރީޢަތް ތންފީޒުކޮށް އިސްލާމީ އުސޫލުތައް ޤާއިމް ކުރުމުގެ ވިސްނުން ގެންގުޅޭ ޖަމާއަތަކަށް ވުމުން ކަމަށް ވަނީ ބެލެވިފައެވެ.

މުރުސީ މަގާމުން ދުރުކުރުމަށްފަހު ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުން ޢަމަލުކުރާ މަގުޗާޓްގައި ބުނަނީ އިންތިޤާލީ މަރްޙަލާ ނިމޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިގެން މިސްރުގައި ރައީސަކާއި ޕާލަމެންޓެއް އިންތިޚާބު ކުރުމުން ކަމުގައެވެ. އިންތިޤާލީ މަރްހަލާ ނިންމަންޖެހޭ ތާރީޚުވަގުތީ ސަރުކާރުން އިޢްލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މިސްރުގެ ޚާރިޖީ ވަޒީރު ނަބީލް ފަހްމީ ވަނީ އަންނަ އަހަރުގެ އެޕްރީލްމަހުގެ ކުރިން އިންތިޤާލީ މަރްޙަލާ ނިމުމަކަށް ގެނަސް އިންތިޚާބީ ސަރުކާރަކާ ވެރިކަން ޙަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. (އަލްޖަޒީރާ)