ޑރ. އަފްރާޝިމް އަލީ، އަވަހާރަކޮށްލުމަށް ދިން އަނިޔާވެރި ހަމަލާގައި ޝާމިލުވާ އެންމެންގެ ޝަރީއަތް އަވަސް ކޮށްދެއްވައި ހައްގު އަދަބު ދިނުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ރަހުމު ކުޑަގޮތަކަށް އަވަހާރަކޮށްލި ޝަހީދު ޑރ. އަފްރާޝިމް އަލީ އަވާހާރަކޮށްލިތާ އަހަރެއް ފުރުމާ ގުޅިގެން ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހީދު ޑރ. އަފްރާޝިމް އަލީ އަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި އުފެދުނު އެންމެ އަގު ބޮޑު އެއް ދީނީ އިލްމުވެރިޔާ ކަމަށާއި އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން އަނިޔާވެރި ހަމަލާގައި ޝާމިލުވާ އެންމެހާ މީހުންގެ ޝަރީއަތް އަވަސް ކުރައްވައި ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން އެފަދަ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ އަދި ގައުމުގައި ތަފާތު ލޭއޮހޮރުވުންތައް ހިންގަމުންދާ ފަރާތްތަކުގެ އަމަލުތަކާއި ބަސްތައް ވެސް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ފަރާތްތަކާ މެދު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ.

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝަހީދު ޑރ. އަފްރާޝިމް އަލީ އަކީ ޕީޕީއެމުގެ ދީނީ ގޮފީގެ މުގައްރިރުކަމާއި ކައުންސިލުގެ މެންބަރުކަން ވެސް ކުރެއްވި ދީނާއި ގައުމުގެ ހައްގުގައި ޖެހިލުމެއް ނެތި އަޑު އުފުއްލަވައިފައިވާ ރާއްޖޭގައި ދީނީ ހޭލުންތެރިކަން ފުޅާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޕީޕީއެމް އިން ބުންޏެވެ.