ކ. ތުނބަފުށި ކުއްޔަށް ދިނުމަށް ފަހު، އެ ރަށުގައި ހުއްދަ ނުހޯދާ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ އިރު އެކަމާ މެދު ފިޔަވަޅެއް އަޅުއްވާފައި ނުވާތީވެ، ކުރީގެ ފިޝަރީޒް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 1999 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު ކ. ތުނބަފުށި ކުއްޔަށް ދިނުމަށް އެކުލަވާލި އެގްރިމެންޓުގެ ތިން ވަނަ މާއްދާގައި އެ ރަށުގައި ކުރުމަށް ހުއްދަކޮށްފައިވާ މަސައްކަތްތަކުގެ އިތުރުން ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އަދި އެ އެގްރިމެންޓްގެ ހަތް ވަނަ މާއްދާގައި ރަށް ކުއްޔަށް ދިން ބޭނުން ފިޔަވައި އެހެން ކަމަކަށް ރަށް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައިވާ އިރު، ރަށް ކުއްޔަން ހިފި ފަރާތުން ކުލީގެ އެގްރިމެންޓުގެ ތިން ވަނަ މާއްދާ އަދި ހަތް ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

އޭސީސީ އިން ބުނީ ފިޝަރީޒް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެކަން ފެންނަން ހުރި އިރު، އަދި މިކަންކަމަކީ ފިޝަރީޒް މިނިސްޓްރީ އަށް އެނގޭނެ ކަންކަން ކަމަށް އޭރުގެ ފިޝަރީޒް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ތަހުގީގުގައި އިއުތިރާފްވެފައިވާތީވެ، ގާނޫނާ ހިލާފަށް ކަންތައްތައް ހިނގާކަން އެނގި އެކަން ކަމާލުއްދީން ހުއްޓުވާފައި ނުވާ ކަމަށެވެ.

އޭސީސީ އިން ބުނީ ތަހުގީގުގައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިމައްސަލާގައި ގޮތެއް ނުނިންމާ މަޑުކުރީ ރައީސް އޮފީހުން ލަފަޔަކަށް އެދުމަށްފަހުގައި ކަމަށެވެ. ނަމަވެސް ރަށްތައް ކުއްޔަށް ދޫކުރުމާއި ވަރުވާ އަށް ދޫކުރުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެއް ކަމުން، އެމައްސަލާގައި ގޮތެއް ނުނިންމި ލަސްވުމުގެ ޒިންމާ ނަގަން ޖެހޭނީ އެވުޒާރާގެ އެންމެ އިސްވެރިޔާ ކަމަށެވެ.

އޭސީސީ އިން ބުނީ ގާނޫނީ ގޮތުން ސަރުކާރަށް އަނބުރާ ނަގަން ޖެހޭ ރަށެއް އެގޮތަށް އޮވެ، ރަށް ކުއްޔަށް ދިނުމަށް ސަރުކާރުން ވި އެގްރިމެންޓް 2004 ވަނަ އަހަރު ހަމަވުމުންވެސް، ރަށް ސަރުކާރަށް ނަގާފައި ނުވާ ކަމަށެވެ.

އަދި 2004 ގެ އޮގަސްޓުން ފެށިގެން 2009ގެ ނޮވެމްބަރަށް އެގްރިމެންޓް އާނުކޮށް ދެމިގެން ދިޔައީ ރައީސް އޮފީހުން ވަކި ގޮތަކަށް ނާންގައިގެން ކަމަށާއި ރައީސް އޮފީހުން މައްސަލަ ނިންމަން އަންގާފައި ވަނީ ފިޝަރީޒް މިނިސްޓްރީ އިން އެދުނު ގޮތަށް ނޫން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ.

ނަމަވެސް އޭސީސީ އިން ބުނީ، މިކަމުގައި ރައީސް އޮފީހުން ލަފާ ދީފައި ވަނީ 2006ގެ އޭޕްރިލްގައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްގެ ފަރާތުން އޭރުގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރައީސް އޮފީހަށް ހުށަހެޅުއްވި ގޮތަށް ކަން އެނގިފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުގެ މަގާމު ފުރުއްވި އަބްދުﷲ ކަމާލުއްދީންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާ އެވެ.