ވޮޝިންޓަން (ސެޕްޓެމްބަރ 2): އެމެރިކާގެ މާލީ އައު އަހަރު ފެށުނުއިރު ވެސް ސަރުކާރުގެ ބަޖެޓް ފާސްނުކުރެވުމުގެ ސަބަބުން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މައްސަލާގައި ރައީސް ބަރަކް އޮބާމާ، އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އެމެރިކާގެ އާންމު ރައްޔިތުންގެ އެތައް މިލިޔަން ބަޔަކަށް ފައިދާލިބޭގޮތަށް ހުށަހަޅާފައިވާ ހެލްތު އިންޝުއަރެންސާ ބެހޭ ޤާނޫނުގެ އިސްލާޙްތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ފެޑްރަލް ބަޖެޓްގައި ހިމެނުމަށް ދެކޮޅު ހަދަނީއިދިކޮޅު ރިޕަބްލިކަން ޕާޓީގައި ހިމެނޭ މަދު ބަޔަކު އައިޑިޔޮލޮޖިކަލް ވިސްނުމެއްގައި ކަމަށާއި އެކަމުގެ ސަބަބުން އެމެރިކާ ސަރުކާރުގެ ޚިދްމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ.

ސެނެޓްގެ އަޣްލަބިއްޔަތު އޮންނަ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން އެމެރިކާގެ ހެލްތް އިންޝުއަރެންސާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްތަކަށް ދެކޮޅު ހެދުމުގެ ސަބަބުން އެމެރިކާ ގެ ފެޑްރަލް ސަރުކާރުގެ ބަޖެޓް ފާސްނުވެ ދައުލަތުގެ އޮފީސްތަކާއި ގިނަ މުއައްސަސާތައް އިއްޔެއިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ މިލިޔަނަކަށް ވުރެ ގިނަ މުވައްޒަފުން ވަނީ މުސާރަ ނުލިބޭ ޗުއްޓީގެ ގޮތުގައި ގެއަށް ފޮނުވާލާފަ އެވެ. ބަޖެޓް ނެތުމާ އެކު އެމެރިކާ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބަންދުކޮށްފައިވީ ނަމަވެސް ބަޖެޓް ފާސްކުރުމަށް ބޭނުންވާ ދޫތައް ދިނުމަށް ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު ލިބިފައިވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ސެނެޓްގެ އަޣްލަބިއްޔަތު ލިބިފައިވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން އަދިވެސް ބޭނުމެއް ނުވެ އެވެ. އަދި އެމެރިކާ ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުންވާ ކުއްލި ބަޖަޓެއް ފާސްކުރުމުގައި ވެސް ކޮންރެސްވަނީ ނާކާމިޔާބުވެފަ އެވެ.

ބަޖެޓް ފާސްކުރުމުގައި އެއްބާރުލުން ދިނުމަށް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ދެކޮޅު ހަދަނީ އެމެރިކާގެ ހެލްތު އިންޝުއަރެންސާ ބެހޭ ޤާނޫނަށް އޮބާމާ ހުށަހަޅުއްވާފައިވާ އިސްލާޙްތަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނިފައިވާތީ އެވެ. މިއިސްލާޙުތަކަށް ބޭނުންވާ ފައިސާ ބަޖެޓްގައި ނުހިމަނާ ނަމަ ސެނެޓުން ބަޖެޓް ފާސްކޮށްދެވިދާނެ ކަމަށާ މިއީ ބަޖެޓް ފާސްކޮށްދިނުމުގެ ޝަރުތެއް ކަމަށް ސެނެޓްގައި އަޣްލަބިއްޔަތު ލިބިފައިވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުނެ އެވެ.

ހެލްތް އިންޝުއަރެންސާ ބެހޭ ޤާނޫނަށް އޮބާމާ ހުށަހަޅުއްވާފައިވާ އިސްލާޙްތަކަކީ އެމެރިކާގެ އާންމު ރައްޔިތުންގެ ތެރޭގައި ހިމެނޭ މެދުފަންތި އާއި ފަގީރުންގެ އެތަށް މިލިޔަން ބަޔަކަށް ހިލޭ ސިއްހީ ޚިދްމަތް ލިބޭގޮތަށް އެކުލަވާލާފައިވާ އިސްލާހްތަކެއް ކަމަށާ އެއިސްލާޙްތަކާނުލައި ބަޖެޓް ފާސްކުރުމުގެ ބޭނުމެއްނެތް ކަމަށް ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ބުނެ އެވެ. (ރޮއިޓާސް)