02 Oct 2013, 09:35
މާފުށިން: މުރުޝިދު އަބްދުލްހަކީމް
ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ކޯޓުތަކުން ނެރޭ އަމުރުތައް ކަމަށާއި މަގުމަތީ އަމުރުތަކެއް ރާއްޖެއަކު ނުހިނގާނެ ކަމަށް ވިދާޅުވެ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.
ޕީޕީއެމް އިން ރޭ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މަގުމަތީ އަމުރުތަކެއް ރާއްޖޭގައި ނުހިނގާނެ ކަމާއި ރާއްޖޭގައި ހިނގާނީ ކޯޓުތަކުން ނެރޭ އަމުރުތައް ކަމަށް ސިޔާސީ ބޭފުޅުނާއި ސިޔާސީ އެކްޓިވިސްޓުން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"މި ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ މިއީ އަޅުގަނޑު އަރުވާ ރަނގަޅު ނަސޭހަތެކޭ، އަދި މިއީ އަޅުގަނޑުމެންދޭ އިންޒާރެއް ކަމަށްވާ ނަމަ އިންޒާރެއްގެ ގޮތުގައި ގަބޫލުކުރައްވާށޭ، ދިވެހި ރާއްޖޭގައި ހިނގާނީ ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އަމުރުތަކޭ. މަގުމަތީ އަމުރުތަކެއް ... ދިވެހި ރާއްޖެ އަކު ނުހިނގާނެއޭ،" ޔާމީން ވިދާޅުވި އެވެ.
ބައެއް ކުށްތަކުގެ ދައުވާ އުފުލިފައިވާ ބޭފުޅުންނަށް ސިޔާސީ މައިދާނުގައި ނޭވާ ލެވެނީ ވެސް ސުޕްރީމް ކޯޓާއި "ފަނޑިޔާރުންގެ އިހްސާންތެރިކަމުން" އެ ބޭފުޅުންގެ މައްސަލަތައް ނުނިންމާ ހުރީމާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ސިޔާސީ ބޭފުޅުންނަށް މިއަދު ވިސްނިވަޑައިގަންނަވަން ޖެހޭނެ، ސިޔާސީ ބައެއް ބޭފުޅުން ސިޔާސަތުތައް ހާމަކުރުމުގެ ނަމުގައި ސިޔާސީ މައިދާނަށް މިއަދުގެ ސިޔާސީ މައިދާނަށް ނޭވާ ވެސް ތިޔަ ލެވެނީ މިދަންނަވާ ސުޕްރީމް ކޯޓާއި ފަނޑިޔާރުންގެ އިހްސާންތެރިކަން އެ ބޭފުޅުނަށް އޮތީމާ [ކަމަށް]. އެ ބޭފުޅުންގެ މައްސަލަތައް ނުނިންމާ ހުރީމާ ދިވެހި ޖައްވަށް ނޭވާ ވެސް ލެވިގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޝަރުއީ ކޯޓުތަކުން އިއްވާ ހުކުމްތަކަކީ ގަބޫލު ނުކުރާ ނިންމުމެއް ކަމަށް ޕީޕީއެމް ނުބުނާނެ ކަމަށާއި ޕީޕީއެމް ތެރެއިން ނޫނީ ދެން ދިވެހި ރާއްޖެ އަށް ހަމަޖެހުމެއް ނެތް ކަމަށެވެ.
"ޕީޕީއެމް ތެރެއިން ނޫނީނިއްޔާ ދެން ދިވެހި ރާއްޖެ އަށް ދިރުމެއް ދެވޭކަށް ނެތް. ޕީޕީއެމް ތެރެއިން ނޫނީ ދެނެއް މަސްލަހަތު ހަމަ ޖެއްސޭކަށެއް ނެތް." ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ "ގަދަބަސް" ވިދާޅުވެ ފުލުހުންނާއި ސިފައިނަށް އަނިޔާކުރުމަށް ގޮވާލާ ވެރިއަކު މި ގައުމަށް ބޭނުން ނުވާ ކަމަށާއި ގައުމަށް ބޭނުން ވަނީ ހުރިހާ ރައްޔިތުންދެކެ ވެސް ލޯބިވާ ވެރިއެއް ކަމަށެވެ. އަދި ނަޝީދަކީ އެ ފަދަ ބޭފުޅެއް ނޫން ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.
މާފުށީގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ގެނެސް ގެސްޓް ހައުސް ވިޔަފާރި ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށެވެ.