ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ސިޔާސީ އެކި ފަރާތްތަކުން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމާ އެކު އެމްޑީޕީ އާއި އެ ޕާޓީ އަށް ތާއީދުކުރާ އެކި ފަރާތްތަކުން ރާއްޖޭގެ އިގްތިސާދުގެ މައި ބަދަ ބިންދާލުމުގެ ގޮތުން އެކި އެކި ހަރަކާތްތައް ހިނގާފައިވެ އެވެ. އޭގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެ އެވެ.

ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެކި ގައުމުތަކުގައި ހިންގި ހަރަކާތްތަކުގެ ސަބަބުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އޭގެ ސަބަބުން ރިސޯޓްތަކުގެ ވެރިންނަށް އެތައް މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލުމުން އޭގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި ރިސޯޓްތަކުގެ ވެރިންނަކަށް ނޫނެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރަ އެވެ.

"ޓޫރިސްޓުން އައުން މަދުވުން އޭގެ ގެއްލުން ހުރިހާ ފަރާތްތަކަށް ވެސް ކުރާނެ. ރިސޯޓްތަކުގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު މަދުވެ، އެކަމުގެ ނޭދެވޭ އަސަރު އެތައް އާއިލާއަކަށް ފޯރާނެ. ރިސޯޓްތަކުގެ އޯނަރުންނަށް ގެއްލުންވާ ނަމަ މުވައްޒަފުން މަދުކޮށް ރިސޯޓްތަކުގެ ހިންގުމުގެ ހަރަދުކުޑަކުރާނެ. އޭގެ ސަބަބުން މުވައްޒަފުންނަށް ގެއްލުންވުމުގެ އިތުރުން އެހެން ވިޔަފާރިވެރިންނަށް ވެސް އެ ގެއްލުން ފޯރާނެ. މިއީ އެތައް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ދާއިރާއެއް،" މެދުފަންތީގެ ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވި އެވެ.

ޓޫރިޒަމް ބޮއިކޮޓްކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރި މަސައްކަތުގެ ސަބަބުން ބައެއް ރިސޯޓްތަކަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކާ ކުރިމަތިވެފަ އެވެ. އަދި އެ ގެއްލުން ކުޑަކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން މަސައްކަތްކޮށްފައިވެ އެވެ. އަދި އެ މަސައްކަތުގެ ސަބަބުން އަހަރު ނިމުނުއިރު ޓޫރިޒަމް އިންޑަސްޓްރީ އަލުން ވަނީ ކޮޅަށް ޖެހިފަ އެވެ.

މިއަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީ ހަލުއި ދުވެއްޔެއްގައި ކުރިއަރަމުންދަނިކޮށް މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ ބޮއިކޮޓްކުރަން އެމްޑީޕީ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އަނެއްކާ ވެސް މަސައްކަތްތެއް ފަށައިފަ އެވެ. ރިސޯޓްތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުރާ ކަމަށް ބުނާ ޓޫރިޒަމް އެމްޕްލޮޔާސް އެސޯސިއޭޝަން (ޓީމް)ގެ ބައެއް އިސް ފަރާތްތަކާއި ބޭރުގެ އެކި ފަރާތްތަށް ގުޅިގެން ދަނީ ރިސޯޓްތަކުގައި ހަޅުތާލުކޮށް ރާއްޖޭގެ ތަސައްވަރު ކިލަނބުކޮށްލަން މަސައްކަތްތަކެއް ފަށައިފަ އެވެ. އަދި އެ ފަރާތްތަކުން ހިންގާ ހަރަކާތްތައް ބޭރުގެ އެކިއެކި މީޑިއާތަކުން ދަނީ ފަތުރަމުންނެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ ނައިބު މުހައްމަދު މަލީހު ސިފަކުރެއްވި ގޮތުގައި ޓޫރިޒަމް ބޮއިކޮޓްކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ރައްޔިތުންނާ ދެކޮޅަށްކުރާ ހަނގުރާމައެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެންނަށް އެމްޑީޕީ އަބަދުވެސް ސިފަވެގެންދަނީ ރާއްޖޭގައި ހުރި އިގްތިސާދުގެ މުހިންމު ބައިތަކާ ދެކޮޅު ބައެއްގެ ގޮތުގައި، އެކަމުގެ އިތުރު ބޮޅެއް އަނެއްކާ ވެސް ފެނިގެން މިދަނީ، އެގޮތުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ އެންމެ އިސްކޮށް އުޅޭ ފަރާތްތަކުން ގޮވާ މަންޒަރު ފެނިގެން މިދަނީ" ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ މަލީހު ވިދާޅުވި އެވެ.

ރާއްޖޭގައި ދުއްވާ ސަފާރީ އަދި ޔޮޓްތައް ތަމްސީލްކުރާ މޯލްޑިވްސް ލިވަބޯޑް އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު (އިއްސެ) ވިދާޅުވީ ރާއްޖޭގެ ކޮންމެ ސިޔާސީ ޕާޓީއަކުން ކޮންމެ ސިޔާސީ މަގުސަދެއްގައި ވިޔަސް ޓޫރިޒަމް ހަލާކުކޮށްލަން ކުރާ ކޮންމެ މަސައްކަތެއް އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ.

"އިންޑަސްޓްރީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަލާކުކޮށްލެވިދާނެ. އެކަމަކު އަލުން ކޮޅަށް ޖަހަން ގަރުނެއް ނަގާނެ،" އިއްސެ ވިދާޅުވި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ހަލާކުކޮށްލުމުން މުޅި ގައުމު އިނދަޖެހޭނެ ކަމަށެވެ.

"ޓޫރިޒަމް ބޮއިކޮޓްކުރުމުން މުޅި ގައުމު އިނދެ ޖެހޭނީ. އަދި ރިސޯޓްތަކުގައި ހަޅުތާލުކުރިޔަސް މެނޭޖްމަންޓަކަށް ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ފޯރުވޭނެ އެއްވެސް ނުފޫޒެއް ނެތް. ޓޫރިޒަމަށް ލިބޭ ކޮންމެ ގެއްލުމަކީ ރިސޯޓްގެ ވެރިންނަށާއި މުވައްޒަފުންނަށް ވެސް ލިބޭ ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީ ބޮއިކޮޓްކުރުމަށް ގޮވާލައި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތްތަކުގެ ސަބަބުން މީގެ ކުރިން ވެސް ކޮންމެ ވެސް ވަރަކަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

"މީގެ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން އަލުން މަސައްކަތްތަކެއް ފަށަންވީ. ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހިނގާ ކަންތައްތަކުގެ ހަގީގަތް ހާމަކޮށްދޭންވީ. އެއީ މިކަމަށް އޮތް ހައްލަކީ،" ގައިސަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިދުވަސްވަރު ހަލަބޮލިވަމުން ދާތީ ބޭރުގެ އެކި ގައުމުތަކުން ދަނީ ރާއްޖެއައިސް އުޅުމުގައި ސަމާލުވުމަށް ގޮވާލައިފަ އެވެ. އަދި ރޭގަނޑު މާލެ ނައުމަށާއި ހުކުރު ދުވަހު މާލެ އައިސް ނޫޅުމަށް ވެސް އެ ގައުމުތަކުން ގޮވާލާފައިވެ އެވެ.

ޓޫރިޒަމް އިންޑަސްޓްރީ ބޮއިކޮޓްކުރުމަށް ހިންގާ ހަރަކާތްތަކާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއްކުރަން ވަނީ ޖެހިފަ އެވެ. އަދި އިންޑަސްޓްރީ ފުނޑާލުމަށް ގޮވާލައި ހަރަކާތްތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ މަގުތަކެއް ހޯދަން ވަނީ ޖެހިފަ އެވެ. އެހެން ނޫން ނަމަ އޭގެ ގެއްލުން ހީނުކުރާ މިންވަރަށްކޮށް، ގައުމު އިނދަޖެހުމުގެ ބިރު އެބައޮތެވެ.