އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް މިރޭ ޖޯޑަން އަށް ފުރައިފި އެވެ.

މާލެއިން ފުރުމުގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން ޓީމުގެ ކޯޗު އަހްމަދު އާތިފް (އާތީ) ބުނީ އިދި ކޮޅު ޓީމު ތަކަކީ ރާއްޖެއާ އަޅާ ބަލާއިރު ވަރުގަދަ ޓީމު ތަކެއް ކަމަށާއި އެހެން ނަމަވެސް ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނޭ ކަމަށެވެ.

"އަޅުގަނޑުމެންނާ ވާދަކުރާ މިޑްލް އީސްޓް ޓީމު ތަކަކީ ރާއްޖޭގެ ޓީމާ އަޅާ ބަލާއިރު ވަރަށް ވަރުގަދަ ޓީމު ތަކެއް. އެހެން ނަމަވެސް ރަނގަޅު ނަތީޖާ ތަކެއް ނެރެވޭތޯ މަސައްކަތް ކުރާނަން،" އާތީ ބުންޏެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް ބީ ގެ މެޗުތައް އުރުދުންގެ ޒަރްގާގެ ޕްރިންސް މުހައްމަދު ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު ރާއްޖޭގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ އުރުދުން، ޔަމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އަފްޣާނިސްތާން އެވެ.

ހުސްވި އަހަރުގެ ކޮލިފައިންގައި ރާއްޖެއާ ވާދަކުރި އިރާގު، ސައޫދީ އަރަބިއްޔާ، އޮމާން އަދި ބަންގުލާދޭޝް އަތުން ތަފާތު ބޮޑު ނަތީޖާ ތަކަކުން ބަލިވެފައިވާއިރު އާތީ ބުނީ، ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗު ތަކަކީ ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ތަޖުރިބާއަކަށް ވެގެން ދާނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސީނިއާ ޓީމް ކައިރީގައިވެސް ފުރަތަމަ ފެށިގެން އައި ދުވަސްވަރު ލަންކާ ފަދަ ޓީމުތައް އައިސް ވަރަށް ތަފާތު ބޮޑު ނަތީޖާ ތަކެއް ނެރެފައި ވަނީ. އެހެންވީމާ، މިޑްލް އީސްޓް ފަދަ ރާއްޖެއާ ތަފާތު ބޮޑު ގައުމު ތަކާ ވާދަކޮށް އެފަދަ ނަތީޖާ ތަކެއް ނުކުތަސް އަޅުގަނޑުމެން ޓީމު ދަށެކޭ ނުބުނެވޭނެ. މިއީކީ އޯވަނައިޓަކުން ވާނޭ ކަމެއް ނޫން،" ކޯޗު ބުންޏެވެ. "މި މެޗު ތަކަކީ އަޅުގަނޑުމެންގެ ކުދިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެ. އެހެން ކަމުން ކުރިއަށް އޮތްތާނގައި މީގެ ފައިދާ ކުރާނެ."

ކޮލިފިކޭޝަންގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ކުޅެން ޖެހޭނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އަންން އާދީއްތަ ދުވަހު ކުޅޭނީ އުރުދުންއާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މިމަހުގެ 12 ވަނަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ޔަމަނާ އެވެ.

ގައުމީ ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑާއެކު ހަތް އޮފިޝަލުން ދަތުރުކޮށްފައި ވާއިރު މިފަހަރުގެ ޓީމުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައިވަނީ، ސޮބާހް މުހައްމަދު އާއި ޝާކިރު އަދި ސުވާދު އެވެ. ޓީމުގެ މެނޭޖަރަކީ އަހްމަދު ފަޔާޒު އެވެ.