25 Nov 2010, 09:07
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން އިދިކޮޅު އެއްވެސް ފަރާތަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި އެމްޑީޕީގެ 11 މެންބަރުން ސިޓީ ކައުންސިލް ކާމިޔާބު ކުރާނެ ނެކަމަށް މަލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވާ، އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީ ފިޔަވައި، މާލޭ ސިޓީ ކައުންސިލުން އެހެން އެއްވެސް ފަރާތްތަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި އިންތިހާބުތަކުގައި އިދިކޮޅު ފަރާތްތަކަށް މާލޭގެ ރައްޔިތުންނާ ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"މާލޭން ކުރިމަތިލާން ނުކެރުނު މާލޭގެ ރައްޔިތުންތަކެއް މާލޭން ބޭރަށް ގޮސް މަޖިލީހަށް ވެސް އިންތިހާބުވެގެން މާލޭގައި އެބައުޅޭ. އޭގެ ތެރޭގައި އަހްމަދު ތަސްމީން އަލީ (ކެންދޫ ދާއިރާގެ މެންބަރު) އަބުދުﷲ ޔާމީނު (މުލަކު ދާއިރާގެ މެންބަރު) އަދި އަބުދުﷲ ޝާހިދު (ކެޔޮދޫ ދާއިރާ ގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް) އަކީ ވެސް އޭގެ ބޭފުޅެއް. އެބޭފުޅުންނަކަށް ނުކެރޭ މާލޭގެ ރައްޔިތުންނާ ކުރިމަތިލާކަށް،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ، މާލެ އަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި މަލޭގެ ރައްޔިތުންނަށް ބޭނުންވާ އެކަންކަން ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބިލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި މެންބަރުން މަޖިލީހުގައި ތިއްބަވަން ބޭނުންފުޅިއްޔާ އެ ބިލުތައް ފާސްކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ބިލުތައް ފާސްނުކުރާ ނަމަ މަޖިލިސް ޖެހޭނީ އެހެންތަނަކަށް ގެންދަން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެއާޕޯޓަށް ނުރަކަލަކަށް ވާތީ، މާލެ ކައިރީގައި މި އޮތް ފުނަދޫ ވެސް ވަރަށް އަވަހަށް ހުސްކުރާނެ. އަޅުގަނޑުގެ މައްސަލައެއް ނެތް އެތަނަށް ގެންދިޔަސް. މާލޭގައި ތިބެންޏާ ޖެހޭނީ މާލޭ މީހުންގެ އިހްސާސްތައް ގަބޫލުކުރަން. އެނޫން ގޮތަކަށް މާލޭގައި ތިބުމަކީ ކުރެވޭނެކަމެއް ނޫން،"
ސަރަނގު ވިދާޅުވީ، މަލޭ ސިޓީ އަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތި ލެއްވުމަށް ޕްރައިމަރީން ހޮވިވަޑައިގެންފައިވާ މީހުންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ އެކު އިންތިހާބާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ. އަދި އިންތިހާބަށް އެމްޑީޕީން ކުރިމަތިލައްވާފައި ތިއްބެވި ހުރިހާ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިން މައްސަލައަށް އިޝާރާތް ކުރައްވައި، އާދަމް މަނިކު ވިދާޅުވީ، ޕާލަމެންޓްގައި ތިއްބެވި، އިދިކޮޅު މެންބަރުން ވަޒީރުންނަށް ރުހުން ނުދޭން އުޅުއްވަނީ، އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސް ނުކުރެއްވުމަށް ކަމަށެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓަކީ ރައްޔިތުންނަށްޓަކައި ތައްޔާރު ކުރެވިފައިވާ ބަޖެޓެއް ކަމަށާއި އެ ބަޖެޓަކީ، އެމްޑީޕީގެ މެނިފެސްޓޯ، ތަންފީޒު ކުރުމުގެ ގޮތުން އަންނަ އަހަރު ކުރަން ގަސްތުކުރާ ކަންތައްތަކާ ބެހޭ ބަޖެޓެއްކަމުން، ވަޒީރުންނަށް ރުހުންނުދިނުމުގެ މައްސަލައަކީ، އެ ބަޖެޓް ފާސްނުކުރަން އިދިކޮޅު ފަރާތްތަކުން ދައްކާ ހާސަރުތަކެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައި ނުވާތީ، ރައީސް އައްޔަން ކުރައްވާފައިވާ އެހެނަސް، އްޔިތުންގެ މަޖިލީހުން ލިބިވަޑައިގެންފައި ނުވާ، އަލީ ހާޝިމް އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވުމަށް ވަޑައިނުގެންނެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް މަނިކު ވިދާޅުވީ، ބުލްޑޯޒަރަކަށް ލައިގެންވެސް އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ގެންދަވާނެ ކަމަށެވެ. އަދި މެންބަރުންގެ ރުހުން އޮތަސް، ރުހުން ނެތަސް ބަޖެޓް ވެސް ފާސްކުރަން ޖެހޭނެ ކަމަށާއި ބަޖެޓް ހިފައިގެންދާ މީހާ އަށް ވެސް މަޖިލީހުން ޖެހޭނީ ރުހުންދޭން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑަކީ މަލޭ މުނިސިޕަލްޓީގެ ރައީސް. އަޅުގަޑު ގެންގުޅެން ބެކްހޯވަ އާއި ބުލްޑޯޒަރާއި ކޮންނަ އެއްޗެހި. އަޅުގަނޑު ބުލްޑޯޒަރަކަށް ލައިގެން ވެސް އެ މަނިކުފާނު [އަލީ ހާޝީމް] އެތަނަށް [ރައްޔިތުންގެ މަޖިލީހަށް] ގެންދާނަން. އޭރަކުން ނުކެރޭނެ އެކަމަށް ވެސް ގާތްވާކަށް. އަދި ރުހުން އޮތަސް ނެތަސް އެ ބަޖެޓް ވެސް ޖެހޭނީ ފާސްކުރަން. ބަޖެޓް ހިފައިގެންދާ މީހާ އަށް ވެސް [ޖެހޭނީ] ރުހުން ދޭން،" އާދަމް މަނިކު ވިދާޅުވި އެވެ.
ޑީއާރުޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، މިހާރު ފެންނަމުން މިދާ މަންޒަރުތަކަކީ ކަތިލައިފައި ދޫކޮށްލާފައިވާ ކުކުޅެއް މަރަށް ތެޅޭ ގޮތަށް ޑީއާރުޕީ މަރަށްތެޅޭ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.