ބޭރު ގައުމަކުން ރާއްޖެއަށް ވެރިވެގަތުމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ގޮވާލައްވަނީ އަލުން ވޯޓްލައިފި ނަމަ މަކަރު ހަދަން އެމްޑީޕީއަށް އުނދަގޫ ވާނެތީ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ބުނީ ބޭރު ގައުމަކުން ރާއްޖެއަށް ވެރިވެގަތުމަށް ޝަހީދު ތަކުރާރުކޮށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ އެއްވެސް ބަޔަކަށް ދިވެހި ގައުމަށް ޣައްދާރު ވެވޭނެ އެންމެ ބޮޑު މިންވަރު ކަމަށް ވެސް އެޕާޓީން ބުންޏެވެ. އަދާލަތު ޕާޓީން މިހެން ބުނީ އެޕާޓީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

"އެމްޑީޕީ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 95،000 ވޯޓް ހޯދީ ވޯޓްލާ މީހުންގެ ލިސްޓް އޮޅުވާލުމަށް ފަހު އެތަކެއް މަކަރު ތަކެއް ހަދައިގެން ކަން މިހާރު ވަނީ އެނގި ފާޅުވެފަ އެވެ. އަލުން ވޯޓެއް ނަގައިފި ނަމަ ކުރީން ހެދި މަކަރުތައް ހަދަން އުނދަގޫވާނެތީ ބޭރު ބައެއްގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންގޮސްގެން ނަމަވެސް ނަޝީދަށް ވެރިކަމަށް އާދެވޭތޯ މަސައްކަތް ކުރަމުން ގެންދަނީ ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެ ޚިޔާލު ފަތުރަމުން ގެންދަނީ ހަމަ އެކަނި ޑރ. ޝަހީދު އެކަނި ނޫން ކަމަށެވެ. ޑރ. ޝަހީދުގެ އިތުރުން އެމްޑީޕީއާއި ޑީއާރްޕީގެ އިސް ބައެއް ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި އެގޮތަށް ހިޔާލު ފާޅުކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެއީ ނުރައްކާތެރި ކަމެއް ކަމަށާއި ރައްޔިތުން އެކަމަށް ހޭލައި ތިބުމަށް ގޮވާލައި އިލްތިމާސް ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގައި މިއޮތް މާތްވެގެންވާ އިސްލާމްދީނާއި އަދި ސިޔާދަތަށް ނަޝީދާއި އޭނާގެ ބައިވެރީންގެ ކިބައިން ހުރި ނުރައްކާތެރިކަމާއި މެދު އެންމެގައި ދިވެހިން ހޭލާ ތިބުމަށް ގޮވާލައި އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.