ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރު ވަމުންދާ އިރު އެމީހުންނަށް މުޖުތަމައުން ދެވޭ އިހުތިރާމާއި ގަދަރު ކުޑަ ވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން އެ މިނިސްޓަރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ލާޒިމު ކުރި ނަމަވެސް ރާއްޖޭގައި އުމުރުން ދުވަސްވާ މީހުންނަށް ދޭން ޖެހޭ ގަދަރާއި ރައްކާތެރިކަން ނުދެވޭ ކަމަށެވެ.

"ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އެހީތެރިކަމާއި ރައްކޭތެރިކަމެއް ފޯރުކޮށްދޭން ޖެހޭ އިރު މިކަމީ ކޮންމެ ދިވެއްސެއްގެ މައްޗަށް ގާނޫނު އަސާސީން ލާޒިމްކުރާ ފަރުދީ ޒިންމާއެކެވެ. ނަމަވެސް ހިތާމައަކީ އެފަދަ މީހުން އަޅުނގަޑުމެންގެ އާބާދީން، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، އަމީހުންނަށް މުޖުތަމައުން ދެވޭ އިހުތިރާމް، ގަދަރު އަދި ރައްކާތެރިކަން ހީނަރުވަމުންދާ ކަމެވެ.،" އެ ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ 35 ވަނަ މާއްދާކަމުގައިވާ ކުޑަކުދީންނާއި ޅަފުރާގެ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ (ށ) ވަނީގައި ބުނަނީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ހައްގެކެވެ.

ނަމަވެސް ގާނޫނު އަސާސީގައި އުމުރުން ދުވަސްވީ މީހުންނަށް ވަކި ގާނޫނެއް ގަވާއިދެއް ރާއްޖޭގައި ވެސް ބައިނަލްއަގްވާމީ މުއާހަދާއެއް ވެސް ހެދިފައެއް ނުވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިދިޔަ އަހަރު ވެސް އުމުރުން ދުވަސްވީ މީހުންގެ 14 މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި ގިނަ މައްސަލަތަކަކީ އާއިލާގެ ފަރާތުން އެފަދަ މީހުންނަށް އިހުމާލުވެގެން ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ. އޭގެ ތެރޭގައި އެމީހުންނަށް އަޅާލުން ބޭނުންވާ އިރު އަޅާލުން ނުލިބުމާއި އެމީހުންނަށް އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އަޅާލާނެ މީހަކު ނެތި މަގުމަތިވެފައިވަނިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ މީހުންގެ މައްސަލަ ވެސް ހިމެނޭ ކަމަށާއި އެގޮތުން ދައުލަތު ފަރާތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެފަދަ އެތަށްބަޔަކު އެބަ ތިއްބި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.