ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހުމަށް ބޭރުގެ ގައުމުތަކަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްޓިންގް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ގޮވާލައްވައިފި އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ދިވެހި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގައި މައްސަލަ ޖެހިފައިވާ އިންތިހާބުގެ މައްސަލާގައި ކޯޓުން ނިންމުމަކާ ހަމައަށް އާދެވިފައި ނުވަނީސް، ބޭރުގެ ގައުމުތަކުން އެނިންމުން ވަކި ގޮތަކަށް ނިންމުމަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

"ދިވެހި ރާއްޖޭގައި ދިވެހިން އެދޭ ފަދަ ޑެމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް ވަކި ކޮޅެއްގައި ޖެއްސުމަށް ނުވަތަ ވަކި ގޮތަކަށް ނިންމުމަށް ބޭރުގެ ބައެއް ފަރާތްތަކުންނާއި ގައުމުތަކުން ދަނީ މަސައްކަތްކުރަމުން،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

ޑރ. ޝަކީލާގެ ވާހަކަފުޅުގައި ވިދާޅުވީ މިނިވަން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަކީ އދ.ގެ ޗާޓަރުގެ މުހިއްމު މާއްދާއެއް ކަމަށާއި ރާއްޖެ އިން ސްޕޮންސާކޮށްގެން ފާސްކުރެވިފައިވާ ގަރާރުތަކެއް ކަމަށްވާ ގަރާރު ނަމްބަރު 44/51 އަދި 46/43 އަދި 49/31 ކުދި ގައުމުތަކަށް ލިބިދޭ އިސްތިގުލާލީ ހައްގުތައް ވެސް ކަށަވަރުކޮށްދޭ ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގައި 1989، 1991 އަދި 1995ގައި ފާސްކޮށްފައިވާ ގަރާރު ނަމްބަރު 44/51 އަދި 46/43 އަދި 49/31 އަކީ ރާއްޖެއަށް 1988 ގައި ދެވުނު އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ސަރުކާރުގެ އިސްނެގުމުގެ ދަށުން އާއްމު މަޖިލީހަށް ހުށަހެޅިގެން ފާސްކުރެވުނު ތިން ގަރާރެކެވެ.

މިތިން ގަރާރުގައި ވެސް މައިގަނޑު ގޮތެއްގައި ބުނެފައިވާ ވާހަކައަކީ ކުދި ގައުމުތަކަކީ ބޭރުގެ ބޮޑެތި ގައުމުތަކުގެ ފިއްތުންތައް ކުރިމަތިވެ، ނުވަތަ ރާއްޖެ އަށް 1988ގައި ދެވުނު އުދުވާނީ ހަމަލާގައި ބޭނުންކުރި ފަދަ ކުލީ ސިފައިންގެ ފަރާތުން އެގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ގައުމުތަކެއް ކަމަށެވެ. އެހެން ކަމުން އެގައުމުތަކަށް އޮތް ނުރައްކާ ބޮޑުކަމުން، އެގައުމުތައް ހިމާޔަތްކުރުމުގައި އިތުރު ފިޔަވަޅުތައް އަޅާ، އެކަންކަން އދ.އިން ބަލަމުން ދިއުމަށް މިގަރާރުތަކުގައި ބާރު އަޅާ ގޮވާލާފައިވެ އެވެ.

ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގައި ޑެމޮކްރަޓިކް ނިޒާމު ހަރުދަނާކުރުމުގެ ގޮންޖެހުން ބޮޑު ކަމަށެވެ.

"ޑެމޮކްރަސީ ހަރުދަނާ ކުރެވެނީ އިންތިހާބެއް ބާއްވައިގެނެއް ނޫން. ނޫނިއްޔާ ޑެމޮކްރަޓިކް ކޮށް ފެންނަ ގާނޫނު އަސާސީއެއް އޮވެގެނެއްވެސް ނޫން. މުއައްސަސާތަކުގެ ރޯލްތައް ހަރުދަނާކުރަން ޖެހޭ. އަދި ބައެއް ކަންކަން އިސްލާހުކުރުމުގެ މަސައްކަތްވެސް އޮތީ ކުރިއަށް." ޑރ. ޝަކީލާ ވިދާޅުވި އެވެ.

އދ.ގެ އާއްމު މަޖިލީހުގައި ކުރެއްވި ތަގުރީރާއެކު ޑރ. ޝަކީލާ ވެގެން ގޮސްފައި ވަނީ އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވި ފުރަތަމަ ދިވެހި އަންހެން ބޭފުޅާ އަށެވެ. މީގެ ކުރިން އެއްވެސް ދިވެހި އަންހެން ބޭފުޅަކު އެމަޖިލީހުގައި ތަގުރީރެއް ދެއްވާފައެއް ނުވެ އެވެ.