01 Oct 2013, 21:31
މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ރަސްމީ ރިޒާވް އެއް ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު މިދިޔަ މަހުގެ އިގްރިސޯދީ ރިވިއުގައިވާ ގޮތުން އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 348.5 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 1.8 މިލިއަން ޑޮލަރު މަދު އަދަދެކެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 310.1 މިލިއަން ޑޮލަރެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުން އަހަރަށް ބަލާއިރު ރަސްމީ ރިޒާވަށް ވަނީ 12 ޕަސެންޓް ކުރިއެރުމެއް ލިބިފަ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރު އޮގަސްޓް މަސް ނިމުނުއިރު 38.4 މިލިއަން ޑޮލަރު ވަނީ އިތުރުވެފަ އެވެ.
އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރަކީ 2.5 މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރެވެ.
މިއަހަރު ފެށުނީއްސުރެ އެމްއެމްއޭ އިން އަންނަނީ ރަސްމީ ރިޒާވް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހިފަހައްޓަމުންނެވެ. ނަމަވެސް ސަރުކާރުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަމުންދިއުމާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެން ބައެއް މަހު ރަސްމީ ރިޒާވް ވަރަށް ބޮޑަށް ދަށަށްދެ އެވެ.