01 Oct 2013, 21:12
އެމްޑީޕީން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާތަކާއި އެއްވުންތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ޝަކުވާ ހުށަހަޅާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެމްޑީޕީން މާލޭގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ކުރާ މުޒާހަރާތަކާ އެއްވުންތަކާ ގުޅިގެން ރައްޔިތުންގެ ފަރާތުން ހުށަހަޅަމުންދާ ޝަކުވާތައް ހިއްސާކޮށްފައި ވަނީ އެމްޑީޕީ އަށާއި ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ.
މާލޭ ސިޓީ ޕޮލިސްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ސޮއިކުރައްވައި އެމްޑީޕީގެ އެމްޑީޕީއާއި އެޗްއާރްސީއެމްގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި މިހާރު ކުރެވެމުންދާ މުޒާހަރާ ތަކާއި ގުޅިގެން ކިޔަވާ ކުދިންނަށާއި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވެ ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާރު ކުރަމުންދާ މުޒާހިރާތަކުގައި އެއްވުންތައް ބާއްވާ ސަރަހައްދުތަކުގައި ހުންނަ ފިހާރަތަކަށް އަންނަ މީހުންނަށް ވިޔަފާރި ކުރުމަށް ހުރަސްއެޅި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެފަދަ ފަރާތްތަކުން ޝަކުވާ ހުށަހަޅާކަން އެ ތިން ފަރާތުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.