01 Oct 2013, 19:42
ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ފަރާތްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ ކަންކަމާއި ގުޅިގެން އެފަދަ މީހުންގެ ކުޑަކަމުދާތަކެތި ނަގައި އެތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ އެކަމަށްޓަކައި ހަދާފައިވާ ގަވާއިދުތަކާއި އުސުލުތަކުގެމަތިން ރައްކާތެރިކަމާއެކު ކަމަށް ފުލުހުން ބުނެފި އެވެ.
ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންގެ ތެރެއިން ކޮންމެ މީހެއްގެވެސް ކުޑަކަމުދާތަކެތި ޓެސްޓުކުރުމުގެ އިޚްތިޔާރު، "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާބެހޭ" ގަވާއިދަށް ގެނެސްފައިވާ ދެ ވަނަ އިސްލާހުން ލިބިދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގަވާއިދަށް އެ އިސްލާހު ގެނެސްފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އެ ގަވާއިދަކީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން ހަދާފައިވާ ގަވާއިދެކެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ނުވަތަ ބަންދު ކުރެވޭ މީހުންގެ ޑީއެންއޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން އެމީހެއްގެ ރުހުމުގައި އެވަގުތަކު އެސްޓޭޝަނެއްގެ ޑިއުޓީގައި ހުރި އެންމެ އިސް ފުލުހެއްގެ ހުއްދަ ލިބިގެން ސާމްޕަލް ނެގުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
ފުލުހުން ބުނީ އެ ގަވާއިދުގައިވާ ގޮތުން އެވަގުތަކު އެސްޓޭޝަނެއްގެ ޑިއުޓީގައިހުރި އެންމެ އިސް ފުލުހަކު، ހަށިގަނޑުގެ ތެރެއިންނާއި ބޭރުން ސާމްޕަލް ނެގުމަށް ދީފައިވާ ހުއްދަ ލިޔުމުން ރެކޯޑްކުރަން ޖެހޭނެ ކަމަށެވެ. އަދި އެހުއްދަ އަނގަބަހުން ދެވޭ ހާލަތްތަކުގައި ލަސްނުކޮށް ލިޔުމުން ރެކޯޑް ކުރަންވާނެކަމަށް އެ ގަވާއިދުގައި ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ގަވާއިދުގައި ބުނާގޮތުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރިކަމަށް ބަލާނީ ހަ ހާލަތެއް މެދުވެރިވުމުންނެވެ.
އެ ހާލަތްތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން ހިމެނެއެވެ.
ކުޑަކަމުދާ ތަކެތި ދިނުމަށް އެންގެމުން 24 ގަޑިއިރުތެރޭގައި ކުޑަކަމުދާތަކެތި ނުދިނުމާއި ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ނުދީހުރެ އަމިއްލަ ހަށިގަނޑަށް ކުޑަކަމުދިއުމަކީވެސް އެ ގަވާއިދު ބުނާގޮތުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުން ކަމަށް ބެލެވޭނެ އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ނުދީހުރެ ކުޑަކަމުދިއުމުގެ އިތުރުން ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިނުމުގެ ތެރޭގައި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތްކުރުމަކީ ވެސް އެ ގަވާއިދު ބުނާގޮތުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުން ކަމަށް ބެލެވޭނެ އެވެ.
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދިނުމުގެ ތެރޭގައި ކުޑަކަމުދާތަކެތި ނައްތާލުން ނުވަތަ ނައްތާލަން މަސައްކަތް ކޮށްފިނަމަ އެއީވެސް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުން ކަމަށް ބެލެވޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެ ގަވާއިދުގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީން އެކުލަވާލައި މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ގެޒެޓުކޮށްފައިވާ "މަސްތުވާތަކެއްޗަށް ޓެސްޓްކުރުމަށްޓަކައި ކުޑަކަމުދާ އެއްޗެހި ނެގުމާއި، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އެތަކެތި ޓެސްޓްކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު”ގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރުމަށްޓަކައި އެމީހެއްގެ ގާތު ކުޑަކަމުދާއެއްޗެތި ދިނުމަށް އެދުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.
މީގެ އިތުރުން އެގަވާއިދުގެ ފަސް ވަނަ މާއްދާގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އެދެވޭނެ ހާލަތުތައް ވަރަށް ފުރިހަމައަށް ވަނީ ބަޔާން ކޮށްފައެވެ. މިއާއެކު މި މާއްދާގެ (ރ) ގައި ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުން ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކު ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ އެބައެއްގެ ކިބައިން ކުޑަކަމުދާ ތަކެތި އަތުލެވިދާނެކަމަށެވެ.
ފުލުހުން ބުނީ އެކިއެކި ކުށްކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ކޮންމެ މީހަކީ ކުޑަކަމުދާ ތަކެއްޗަށް ޓެސްޓް ކުރެވޭ މީހެއްނޫން ކަމަށެވެ.