އެމްޑީޕީގެ ރިޔާސީ ކެންޑުޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލައި ލިޔެފައިވާ ސިޓީއެއް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޓުވީޓް ކުރައްވާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ރިޔާޒުއާ މެދު ފިޔަވަޅު އެޅުމަށް އެންގުމުން ހޯމް މިނިސްޓަރު އެއްވެސް ފިޔަފަޅެއް އަޅުއްވާފައިނުވާ ކަމަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޕީއައިސީގެ ރައީސް ޑރ. އަބްދުﷲ ވަހީދު ވިދާޅުވީ ކޮމިޝަނަރު ރިޔާޒާއި މެދު ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން އެންގި އެންގުމާ އެއްގޮތަށް ފިޔަވަޅު އަޅާފައި ނުވާއިރު އެކަމާ ގުޅޭ ގޮތުން ފޮނުވި ސިޓީއަށް ވެސް ހޯމް މިނިސްޓަރު ޖަވާބުދެއްވާފައި ނުވާ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ފުލުހަކު ގާނޫނާއި ހިލާފު ވުމުން އޭނާއާއި މެދު ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ހޯމް މިނިސްޓަރަށް އަންގައިފިނަމަ ހޯމް މިނިސްޓަރު އެކަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ފިޔަވަޅު ނާޅައިފިނަމަ ފިޔަވަޅު ނޭޅި ސަބަބު ހޯމް މިނިސްޓަރު އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވޯޓު ނުދިނުމަށް ގޮވާލައި ލިޔެފައިވާ ސިޓީއެއް ޓުވީޓު ކުރެއްވި ކަމަށް ރިޔާޒު ވަނީ ތަހުގީގުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.