01 Oct 2013, 17:57
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނެ ތާރީހެއް ހޯދުމަށް ކަމަށް ބުނެ، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅޮ އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ހައްޔަރުކޮށްފި އެވެ.
ފަރީދީމަގު އެފްޑީއައި ސްޓޭޝަން ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓް ދެންމެ ބުނީ އެ ސަރަހައްދުގައި ކުރިއަށްދާ އެމްޑީޕީގެ މުޒާހަރާގެ ތެރޭގައި އީވާ ހުންނަވަނިކޮށް އޭނާގެ އިތުރުން ކުރީ މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އާއްމުންގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ އެސަރަހައްދުގައި މުޒާހަރާކުރަމުން ދަނިކޮށް، އީވާ އާއި ޝިފާގެ އިތުރުން ބަޔަކު ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ދަނީ އެފްޑީއައި ސްޓޭޝަން ސަރަހައްދުގަ އާއި ސުޕްރީމް ކޯޓުގެ ސަރަހައްދަށް އެއްވެ އަވަސް އިންތިހާބަކަށް ގޮވާލަމުންނެވެ.