01 Oct 2013, 17:50
ޗެމްޕިއަންސް ލީގުގައި މިރޭ ރޫމޭނިއާގެ ސްޓިއާ ބުކަރެސްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާދު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިން ކުރިމަތި ކުރި ބައެސް ސުވާލުތަކާ ހެދި ރުޅިގަދަވެގެން ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ނޫސް ކޮންފަރެންސް ދޫކޮށް ބޭރަށް ގޮސްފި އެވެ.
ވޭތުވެދިޔަ ދެތިން ހަފްތާއެއްގައި ޗެލްސީގެ މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސްޕެނިޝް މިޑްފީލްޑަރު ހުއާން މާޓާއާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު އުފައްދާފައިވާއިރު މޮރީނިއޯ ބުނެފައިވަނީ ބުކަރެސްޓާ ދެކޮޅަށް ކުޅޭ މެޗަށް މާޓާ ނެރޭނެ ކަމަށެވެ. އަދި އޭނާ ވަނީ އެމުޗަށް ނެގި 18 ކުޅުންތެރިންގެ ސްކޮޑުން ޑި ބްރުއިން އުނިކޮށްފަ އެވެ.
މޮރީނިއޯ ރުޅިގަދަވީ މިރޭގެ މެޗަށް އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރުއިން އަށް ފުރުސަތު ނުދިން ސަބަބު އޮޅުން ފިލުވުމަށް ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރަން ފެށުމުންނެވެ.
"ކަލޭމެން މާޓާއާ ބެހޭގޮތުން ސުވާލުކުރަމުން އަންނަތާ މިވީ ތިން ހަފްތާ. މިހާރު ޑި ބްރުއިން،" މޮރީނިއޯ ބުންޏެވެ. "ކަލޭމެންގެ ޝައުވެރިކަން ނުހުރޭ ދޯ ކުޅޭ ކުޅުންތެރިންނާ ދޭތެރޭގައެއް؟ ކަލޭމެން ޝައުގުވެރިވަނީ އަބަދުވެސް ނުކުޅޭ ކުޅުންތެރިންނަށް."
ޗެލްސީގެ ކޯޗުކަމާ މޮރީނިއޯ ދެވަނަ ފަހަރަށް ހަވާލުވިފަހުން ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ހަ މެޗުގެ ތެރެއިން ފުރަތަމަ 11 ގައި މާޓާ ހިމަނާފައި ވަނީ އެންމެ ދެ ފަހަރު އެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެކަމާ ބެހޭގޮތުން ނޫސްވެރިން ސުވާލުތައް ކުރިމަތިކޮށްފައިވާލެއް ގިނަކަމުން މޮރީނިއޯ ވަނީ އޭނާ ކުޅުންތެރިން ނަގާ ގޮތާ ބެހޭގޮތުން ސުވާލުކުރާތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މާޓާއާ އެކު ކުޅޭ އެޓޭކިން މިޑްފީލްޑަރު ޑި ބްރުއިން ޗެލްސީއަށް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ ހުސްވި މަހުގެ 24 ވަނަ ދުވަހު ކެޕިޓަލް ވަން ކަޕްގައި ސްވިންޑަން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން ޗެލްސީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާ ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ޑި ބްރުއިން ހިމަނާފައެއް ނުވެއެވެ.
"ޑި ބްރުއިން ޓީމަށް ނުނަގަން ނިންމުން އެއީ އަހަރެންގެ ނިންމުމެއް. އެންމެ 11 ކުޅުންތެރިންނަށް ދަނޑަށް އެރޭނީ. އަދި 18 ކުޅުންތެރިން ޓީމު ލިސްޓުގައި ލިޔެވެނީ. އަހަރެން ކުޅުންތެރިން ހޮވުމުގައި ބަލަނީ އެކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅުމާއި ޕްރެކްޓިސްގައި ކުރާ މަސައްކަތަށް،" ޗެލްސީގެ ކޯޗު ބުންޏެވެ.
"އަހަރެން ކުރިންވެސް ބުނެފައިވާނީ މާޓާ އަމިއްލައަށް އޭނާ ޓީމުގައި ހިމަނަން ޖެހޭނޭކަން ސާބިތު ކޮށްދީފި ނަމަ އޭނާއަށް ފުރުސަތު ދޭނަމޭ. އެގޮތުން މި މެޗަށް އޭނާއަށް ފުރުސަތު ދިނީ،" މޮރީނިއޯ ބުންޏެވެ. "ދެން ކެވިންގެ ވާހަކަ. އޭނާއަށް ވެސް އޮތީ ހަމަ އެގޮތް. އޭނާ ސްކޮޑްގައި ނުހިމެނީ، ސްވިންޑަން މެޗުގައި އަހަރެން ހިތްހަމަ ޖެހޭފަދަ ކުޅުމެއް އޭނާއަށް ދެއްކިފައި ނުވާތީ އަދި ފަރިތަކުރުން ތަކުގައިވެސް."
މޮރީނިއޯ އެންމެފަހުން ނޫސްވެރިންނާ ދިމާއަށް " ކަލޭމެން އަބަދުވެސް ވާހަކަ ދައްކަން ބޭނުންވަނީ، ޓީމަށް ނުނަގާ ކުޅުންތެރިންގެ ވާހަކަ. އެހެންވީމާ އަންގާރަ ދުވަހު ބައްދަލުވާނެ ކަމަށް އުންމީދު ކުރަން،" އެހެން ބުނެފައި ނުކުމެގެން ދިޔައީ އެވެ.