25 Nov 2010, 08:34
ސ. ހިތަދޫގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީ އޭނާގެ ފޯނާއި ވޮލެޓް ފޭރިގަނެގެން ފިލަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހިތަދޫގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހަކު މަގުމަތިން ހިނގާފައި ދަނިކޮށް ރޭ އިރާކޮޅު ހިފައްހައްޓައި އޭނާ އަށް ބިރުދެއްކުމަށް ފަހު ވޮލެޓާއި ފޯނު ފޭރިގަތްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ބަންގްލަދޭޝް މީހާގެ ލޯމަތި ފަޅައިގެން ދިއުމުގެ އިތުރުން ކުދިކުދި އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް ހައްޔަރު ކުރީ ކޮން ބައެއް ކަމާއި އަނިޔާ ލިބުނު ބިދޭސީ މީހާ އަކީ ކާކުކަމެއް ފުލުހުން ނުބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހަކު ހައްޔަރުކުރީ މިއަދު ހެނދުނު ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ އެދެ މީހުންނަކީ ވެސް މީގެ ކުރިން ވެސް ތަފާތު އެކި ކަހަލަ މައްސަލަތަކުގައި ހައްޔަރު ކުރާ ދެ މީހުން ކަމަށެވެ.