ހުސްވި މަހު ނިމިގެންދިޔަ ޔޫރަޕްގެ ފުޓްބޯޅަ ޓްރާންސްފާގެ ދުވަސްވަރު ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އެ ޓީމް ދޫކޮށް އެހެން ޓީމަކަށް ބަދަލުވެދާނެތީ އެކަމަށް ވަރަށް ބޮޑަށް ބިރު ހީވެފައި ހުރިކަމަށް ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

އެންމެ ފަހުން ނިމިދިތަ ސަމާ ޓްރާންފާގައި ސްއަރޭޒް ވަނީ ލިވަޕޫލު ދޫކޮށް އެހެން ޓީމަކަށް ދާން ބޭނުން ކަމަށް ބުނެފަ އެވެ. އަދި އެ ދުވަސްވަރު އާސެނަލްއިން އޭނާ ގެންދިއުމަށް ދެފަހަ ބިޑް ކޮށްފައިވާ އިރު ރެއާލް މެޑްރިޑުންވެސް ވަނީ 26 އަހަރުގެ އުރުގުއޭ ފޯވާޑް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޖެރާޑް ބުނީ ޓްރާންސްފާގެ ދުވަސްވަރު ކޮންމެ ދުވަހަކު ނިދިން ހޭލާ ގޮތަށް ފުރަތަމަވެސް "ސުއަރޭޒް އެހެން ޓީމަށްކަށް ނުގޮސް ޓީމުގައި މަޑުކުރާނޭ ނަމަ ކިހާ ރަނގަޅުހޭ" ހިތަށް އަރާ ކަމަށެވެ.

"އެދުވަސްވަރު ކޮންމެ ދުވަހަކުވެސް ހިތަށް އަރާ މިއީ ދެން ސުއަރޭޒާ އެކު އެއްޓީމެއްގައި އުޅެވޭނޭ އެންމެ ފަހު ދުވަހޭ،" ޖެރާޑް ބުންޏެވެ. "ކޮންމެ ދުވަހަކު ހެނދުނު ނިދިން ހޭލެވޭ ގޮތަށްވެސް އުންމީދު ކުރެވެނީ، އޭނާ އެހެން ދިމާއަކަށް ނުގޮސް ޓީމުގައި މަޑު ކޮށްފިއްޔާ ކިހާ ރަނގަޅުހޭ."

ޗެލްސީގެ ޑިފެންޑަރު ބްރަނިސްލޮވް އިވަނޮވިޗްގެ އަތުގައި ދަތް އެޅުމުގެ ސަބަބުން 10 މެޗަށް ސަސްޕެންޑު ކުރި ސުއަރޭޒް އެ ސަސްޕެންޝަންގެ މުއްދަތު ހަމަކުރުމަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ ކެޕިޓަލް ވަން ކަޕްގައި މެންޗެސްޓާ ސިޓީއަތުން ބަލިވި މެޗުގަ އެވެ. އޭގެ ފަހުން ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅެ 3-1 އިން ލިވަޕޫލު މޮޅުވި މެޗުގައި އޭނާ ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ޖެރާޑް ބުނީ، ސުއަރޭޒަކީ ބޮޑެތި ހުރިހާ ކްލަބް ތަކުންވެސް ހޯދަން ބޭނުންވާ ފަދަ ހުނަރުވެރި އާދަޔާ ހިލާފަށް މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"ލުއިސް ސުއަރޭޒް ފަދަ މޮޅު ކުޅުންތެރިޔަކު ޓީމެއްގައި ހުރެއްޖެ ނަމަ ކޮންމެ މީހަކުވެސް ހިތަށް އަރާނެ ބޮޑެތި އެހެން ކްލަބް ތަކުން އޭނާ ގެންދަން މަސައްކަތް ކުރާނޭ،" 33 އަހަރުގެ ޖެރާޑް ބުންޏެވެ. "އެއީ ވަރަށް ތަފާތު މޮޅު ކުޅުންތެރިއެއް. އޭނާ ހުންނަންޏާ މިޓީމުން ތަފާތު ފެނިގެންދޭ."

"މި ކްލަބްގައި ސުއަރޭޒް ބަހައްޓަން އަހަރެންނަށްވުރެ ބޮޑަށް މަސައްކަތްކުރި ދެވަނަ މީހަކު ނުހުންނާނެ. އަދި އޭނާއާ ދޭތެރޭގަ އަހަރެން ދެކޭގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ،" ޖެރާޑް ބުންޏެވެ.

ސުއަރޭޒް ލިވަޕޫލުން ދާން އުޅުމުން އޭނާ އެ ކްލަބުން ދޫކޮށް ނުލާނެ ވާހަކަ ބުނުމުން ކަރު އެލުވާލާފައި ދިޔަ ނަމަވެސް ޖެރާޑު ބުނީ، ފަހުން އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށެވެ.

"މިއީވެސް އޭނާއަށް ތައުރީފް ހައްގު ކަމެއް. އޭނާ ހުރި ހާލަތުގައި އެހެން ކުޅުންތެރިއަކު ހުރި ނަމަ، ފަހުން ޓީމުގައި ކުޅޭއިރު މަކަރު ހަދައި، ޓީމަށް ފައިދާނޫން ގޮތްގޮތަށް ބައެއް ފަހަރު މަސައްކަތް ކުރާތަން ފެނޭ. އެކަމަކު ސުއަރޭޒްގެ ފަރާތުން ފެނިގެން ދިޔައީ އެއާ މުޅިން ތަފާތުކޮށް. އޭނާ ވަނީ މިއިން ދުވަހަކު މަސައްކަތް ނުކުރާ ވަރަށް މިޓީމަށް މިހާރު މަސައްކަތް ކޮށްދޭން ފަށާފައި،" ސުއަރޭޒްއަށް ތައުރީފް ކުރަމުން ޖެރާޑް ބުންޏެވެ.