ޗައިނާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާއޯ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މައުމޫނުގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި މިއަދަކީ ޗައިނާގެ ގައުމީ ދުވަސްކަމަށް ވާތީ އެ އުފާވެރި މުނާސަބަތުގެ ތަހްނިޔާ އާއި މުބާރަކްބާދީ ޗައިނާގެ ސަފީރަށާއި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައްދުކުރެއްވި ކަމަށެވެ. އަދި ޗައިނާ އިން ދިވެހިރާއްޖެއާ ދޭތެރޭގައި އަބަދުވެސް ބަހައްޓަވަމުން ގެންދަވާ ގާތްކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ދިވެހިރާއްޖެ އަބަދުވެސް ހެޔޮއެދޭ ގައުމެއްކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގައި ސުލްޙަ މަސަލަސްކަން ދެމިއޮތުމަށާއި ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި ކަމަށެވެ.

ރައީސް މައުމޫން އާއި ޗައިނާ ސަފީރުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް ވެފައިވާ ގޮތާއި މިހާރުގެ ސިޔާސީ މަސްރަޙްގައި ކަންތައްތައް ހިނގަމުންދާ ގޮތާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ޚިޔާލުބަދަލުކުރެއްވި ކަމަށް މައުމޫން އޮފީހުން ބުންޏެވެ.